ރައްޔިތުންގެ މަޖިލީހުގެ އާ ނައިބު ރައީސަކު އިންތިޚާބުކުރަން ބާއްވާ ޖަލްސާ މާދަމާއަށް ފަސްކޮށްފިއެވެ.
މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަޤާމުން އަޙްމަދު ނާޒިމް އިސްތިއުފާދެއްވިކަން މިއަދުގެ ޖަލްސާގައި އިއުލާންކުރެއްވުމަށްފަހު، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ އިތުރު ޖަލްސާއެއް މިއަދު މެންދުރު 13:00 ގައި ބާއްވާނެކަން އިއުލާން ކުރައްވާފައެވެ.
ޕީއެންސީގެ ލީޑަޝިޕް ބައެއް މެންބަރުންގެ ފަރާތުން އެނގުން ގޮތުގައި، އެއީ މަޖިލިހަށް އާ ނައިބު ރައީސަކު އިންތިޚާބު ކުރުމަށް ބާއްވަން ތާވަލުކުރި ޖަލްސާއެކެވެ.
ނަމަވެސް މަޖިލީހުގެ އިދާރާއިން މީގެ ކުޑައިރުކޮޅެއް ކުރިންވަނީ ދެން މަޖިލީހުގެ ޖަލްސާއެއް އޮންނާނީ މާދަމާކަން ހާމަކުރައްވާފައެވެ.
މަޖިލީހުގެ ނައިބު ރައީސްގެ މަޤާމުން ނާޒިމް ވަކިކުރަން ޤަރާރެއް ހުށަހަޅާފައިވަނީ، މި މަހުގެ 14 ވަނަ ދުވަހުއެވެ. އެ މަޤާމުން ނާޒިމް އިސްތިއުފާ ދެއްވާފައި މިވަނީ މަޤާމުން ވަކިކުރުމުގެ މައްސަލަ މަޖިލީހުގައި ކުރިއަށް ގެންދިއުމަށް މިއަދުގެ ޖަލްސާ ފަށަން ތައްޔާރުވެފައި ވަނިކޮށެވެ.



