ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމަށް އައްޔަންކުރާނެ ބޭފުޅަކާ މެދު ޕީއެންސީގެ ތެރޭގައި މަޝްވަރާކުރެވެމުންދާއިރު ވާދަކުރައްވާނެ މެންބަރުންކަމަށް ވާހަކަދެކެވޭ ބޭފުޅުންގެ ތެރޭ ހިމެނިވަޑައިގަންނަވާ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާޙު، އެ މަގާމަށް ވާދަނުކުރައްވާނެކަން ހާމަކުރައްވައިފިއެވެ.
ޕީއެންސީގެ ޕީޖީ ލީޑަރުގެ މަގާމުގައި ވެސް ހުންނެވި ފަލާޙު މިކަން ހާމަކުރެއްވީ، މަޖިލީހުގެ ނައިބު ރައީސްކަމަށް އޭނާ ހިމެނޭހެން ތިން ބޭފުޅެއްގެ ނަން އުޅޭކަމަށް ރިޕޯޓުކޮށް އޮންލައިން ނޫހަކުން ލިޔެފައިވާ ޚަބަރެއް ”އެކްސް“ ގައި ހިއްސާކުރައްވަމުންނެވެ.
އެގޮތުން ފަލާޙު ވިދާޅުވީ އޭނާ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމަށް ވާދަނުކުރައްވާނެ ކަމަށެވެ.
އެނގިފައިވާ ގޮތުގައި މި މަގާމަށް ދެން ކުރިމަތިލައްވާނެކަމަށް ވާހަކަދެކެވެމުންދަނީ މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ޠާރިގު (ޓޮމް) އަދި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއުއެވެ. ނަމަވެސް އެކަން އަދި ޔަގީންކޮށް ހާމަކުރައްވާފައެއް ނުވެއެވެ.
މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމު ހުސްވީ، އެ މަގާމުގައި ހުންނެވި ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް މިއަދު ހެނދުނު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ނާޒިމް އިސްތިއުފާ ދެއްވީ އޭނާ މަގާމުން ވަކިކުރުމުގެ މައްސަލަ މިއަދު ހެނދުނު 9:00 އަށް އެޖެންޑާކޮށްފައި ވަނިކޮށް، ހެނދުނު 8:36 ގައެވެ.
ޕީއެންސީގެ ބައެއް މެންބަރުން މައުލޫމާތު ދޭ ގޮތުގައި، މަޖިލީހުގެ ނައިބު ރައީސްކަމަށް އައްޔަންކުރާނެ ވަކި ބޭފުޅަކާ މެދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ފަރާތްޕުޅުން އަދި ސީދާ އެންގެވުމެއް ނާންގަވައެވެ.



