ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމު އިންތިހާބުކޮށްފިއެވެ.
މަޖިލީހަށް އާ ނައިބު ރައީސަކު އިންތިހާބު ކުރުމަށް މިއަދު ބޭއްވި ޖަލްސާގައި ޕީއެންސީގެ ފަރާތުން ސަލީމާއި އެމްޑީޕީގެ ފަރާތުން ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދުގެ ނަން ހުށަހަޅާފައިވާއިރު، އެ މަސައްކަތަށް ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީއެއް ވަނީ އެކުލަވާލާފައެވެ.
މެންބަރުންގެ މެދުގައި ނެގުނު ވޯޓުން ނައިބު ރައީސަކަށް ސަލީމް އިންތިހާބުކޮށްފައި ވަނީ 62 މެންބަރުންގެ ވޯޓާއެކީގައެވެ. ޒިޔާދަށް ލިބިވަޑައިގަތީ 10 ވޯޓެވެ.
މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް މެންބަރަކު އައްޔަން ކުރަނީ އެ މަގާމުގައި ކުރިން ހުންނެވި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް އިއްޔެ އިސްތިއުފާ ދިނުމާއި ގުޅިގެންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުން ނާޒިމް އިސްތިއުފާ ދެއްވީ އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށް އިންކާރު ކުރައްވަމުންނެވެ.
އެގޮތުން ”އެކްސް“ ގައި އިއްޔެ ނާޒިމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ މަގާމުގެ މަސްއޫލިއްޔަތު އަދާކުރައްވާފައިވަނީ ގާނޫނީ ހަމަތަކުގެ މަތިން ތެދުވެރިކަމާއެކު ކަމަށާއި، ވަކި ފަރާތަކަށް ޖެހިވަޑައިގެން ނުވަތަ މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށެވެ.



