ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ނިސްބަތްކޮށް ”އަދަދު“ ނޫހުން ގެނެސްދިން ޑޮކިއުމެންޓަރީއެއްގައި ޤަޛުފުކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ދަޢުވާ ލިބޭ އެ ނޫހުގެ ސީއީއޯ ޙުސައިން ފިޔާޒް މޫސާ އާއި އެޑިޓަރު ޙަސަން މުޙައްމަދުގެ ޝަރީއަތް، އަންނަ ހޯމަ ދުވަހު ކްރިމިނަލް ކޯޓުގައި ފެށުމަށް ނިންމައިފިއެވެ.
ސިއްރު މަޖިލީހެއްގެ ގޮތުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ޝަރީއަތުގެ ފުރަތަމަ އަޑުއެހުން ހޯމަ ދުވަހުގެ ހެނދުނު 11:00 ގައި ބޭއްވުމަށް ވަނީ ތާވަލުކޮށްފައެވެ.
ފިޔާޒް އާއި ހަސަންގެ މައްޗަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ދަޢުވާ އުފުލާފައި ވަނީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 612ވަނަ މާއްދާގެ ދަށުން، ޙަޤީޤަތާ ޚިލާފު ހުތުރު ވާހަކަތަކެއް އެކުލެވޭ ވީޑިއޯއެއް އާންމުކޮށްފައިވާތީ ކަމަށް ބުނެއެވެ.
މި މައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓުން މީގެ ކުރިން ވަނީ ވަކި ގޮތެއް ކަނޑައެޅެންދެން މުޖުތަމަޢުގައި އެ ވީޑިއޯ ޑޮކިއުމެންޓަރީ ދައުރުނުކުރުމަށް އަންގައި ”ގެގް“ އަމުރެއް ނެރެފައެވެ. އަދި އެ އަމުރާ ޚިލާފުވުމަކީ ކޯޓުގެ ޙުރުމަތް ކެނޑުން ކަމުގައި ބެލެވޭނެކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.




