ރާއްޖޭގައި ވެސް، އުމުރުން 16 އަހަރުން ދަށުގެ ކުޑަކުދިންނަށް ސޯޝަލް މީޑިއާގެ ބައެއް އެޕްތައް ބޭނުން ނުކުރެވޭގޮތަށް ކަނޑައެޅުމަށްޓަކައި ފިޔަވަޅުތަކެއް އަޅަން ގަސްދުކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިކަން އިއުލާނު ކުރައްވާފައިވަނީ މިހާރު ރައީސް އޮފީހުގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، ޒުވާން ކުދިން ސޯޝަލް މީޑިއާ މެދުވެރިކޮށް ނުރަނގަޅު ކަންތައްތަކުގެ ތެރެއަށް ވަދެގެން ގޮސްފައިވާ ކަމަށާއި އެެއީ މުޅި ދުނިޔޭގައި ވެސް މިހާރު އާންމުވަމުން އަންނަ ހިތާމަވެރި ކަމެއް ކަމަށެވެ.
އެގޮތުން ސައިބަރ ބުލީއިންގް އާއި އޮންލައިން ގްރޫމިންގް އަކީ ނުރައްކާތެރި ކަންތައްތައް ކަމަށާއި ވަރަށް ނުރައްކާތެރި ކޮންޓެންޓަށް އެކުދިން ހާމަވަމުންދާކަން ރައީސް މުޢިއްޒު ފާހަގަ ކުރެއްވިއެވެ.
އެހެންކަމުން، ރާއްޖެއަކީ އިސްލާމީ ޤައުމަކަށް ވާއިރު މި ޤައުމުގެ ކުޑަކުދިން އެފަދަ ކަންކަމުން ސަލާމަތް ކުރުމަކީ ރައްޔިތުންނާއި، ހުރިހާ މުއައްސަސާތަކަކާވެސް ގުޅިގެން މި ސަރުކާރުން ކުރަން ޖެހޭ މުހިންމު ކަމެއްކަމުގައި ރައީސް މުޢިއްޒު ވިދާޅުވިއެވެ.
”އެހެންކަމުން ކުރިއަށް އޮތްތަނުގައި ކަމާ ގުޅޭ ފަރާތްތަކާއި (ކަމާ ގުޅޭ ޖަމިއްޔާ ޖަމާޢަތްތަކާވެސް) ގުޅިގެން މަޝްވަރާތަކެއްކޮށް، އާންމު ރައްޔިތުންގެ ވެސް ހިޔާލާއި މަޝްވަރާއާ އެކީގައި، ސޯޝަލް މީޑިއާގެ ބައެއް އެޕްތައް (ކަނޑައެޅޭ ބައެއް އެޕްތައް) އުމުރުން 16 އަހަރުން ދަށުގެ ޒުވާނުންނަށް ބޭނުން ނުކުރެވޭ ގޮތަށް ކަނޑައެޅުމަށް ފިޔަވަޅުތަކެއް އެޅުމަށް ވަނީ ގަސްދުކޮށްފަ. މިކަމުގައި އޮސްޓްރޭލިއާއިން އަޅާފައިވާ ފިޔަވަޅުތަކަކީ ރަނގަޅު މިންގަނޑެއް ކަމުގައި ދެކެން“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ އޮސްޓްރޭލިއާއިން އަޅާފައިވާ ފިޔަވަޅުތަކުގެ އަލީގައި، އަޅަންޖެހޭ ފިޔަވަޅުތައް ރާއްޖޭގައި އެޅުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަން ގަސްދުކުރައްވާ ކަމަށެވެ. އަދި ކުރިއަށްއޮތް މަސް ދުވަހުގެ ތެރޭގައި މިކަމާ ގުޅޭ މަސައްކަތްތައް ނިންމައި، އެންމެ ގިނަ ވެގެން އަހަރެއްހާ ދުވަސް ތެރޭގައި (ނުވަތަ އެއަށްވުރެ އަވަހަށްވެސް) އެ ޤާނޫނަށް އަމަލުކުރަން ފެށޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.




