ސަރުކާރުގެ ކުޅިވަރު އިމާރާތްތަކާއި ތަންތަނުގައި ނަމާދު ވަގުތަށް ކުޅިވަރުތައް މެދުކަނޑާލަން ޖެހޭ ގޮތް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިކަން ހާމަކުރެއްވީ، ރައީސް އޮފީހުގައި މިހާރު ބާއްވަމުން ގެންދަވާ ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ. ރައީސް ވިދާޅުވީ ނަމާދު ވަގުތަށް ކުޅިވަރު މެދުކަނޑާލުމަށް ފަހު އެ ވަގުތު ނަމާދުކުރެވޭ ގޮތް އެތަނުގެ ތެރޭގައި ހަމަޖައްސަން ވެސް މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި، ނަމާދު ވަގުތު ނިމިގެންދާއިރު ވެސް ކުޅިވަރުގެ މައިދާނުގައި ތިބުން އާންމުވެފައިވެ އެވެ. އެ މަނިކުފާނު ވިދާޅުވީ ކުޅިވަރު އެކުވެނި އަދި މާފަންނު ސްޓޭޑިއަމްގައި ވެސް މިހާރު ނަމާދު ކުރެވޭ ގޮތަށް އިންތިޒާމުތަކެއް ނުހުންނަ ކަމަށެވެ.
އެހެންކަމުން، ކުޅިވަރު ކުޅެން ތިއްބައި ނަމާދު ވަގުތު ޖެހިއްޖެ ނަމަ، ކުޅިވަރު މެދުކަނޑާލުމަށް ފަހު އެތަނެއްގެ ތެރޭގައި ނަމާދު ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ ކަންކަމާ މެދު މަޝްވަރާތަކެއް ކުރެވި ތަންފީޒުކުރުމާ ހަމައަށް އާދެވިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ކުރިއަށް އޮތް ތަނުގައި ސަަރުކާރުން އަޅައި ކުޅިވަރު އިމާރާތްތަކުގައި ވެސް އެ އިންތިޒާމުތައް ހަމަޖައްސާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުން މިހާރު މަޝްވަރާކުރެވިފައިވަނީ:
° ކުޅިވަރު ކުޅޭ ތަންތަނުގައި ކުޅިވަރު ކުޅެން ހުރެފައި ނަމާދު ގަޑި ގެެއްލުނަނުދިނުމަށްޓަކައި ގޮސް ނަމާދުކުރެވޭ ގޮތަށް ހަމަޖެއްސުން
° ބަންގި ގޮވާ ގަޑިން ފެށިގެން ކަނޑައެޅޭ ވަކި ވަގުތުކޮޅެއް ވަންދެން ހުރިހާ ކުޅިވަރުތަކެއް މެދުކަނޑާލަންޖެހޭ ގޮތަށް ގެންނަންޖެހޭ ބަދަލުތައް ގެންނަން؛ އެއީ 20 މިނެޓަށް ވިޔަސް
ކުރިއަށް އޮތް ދުވަސްތަކުގައި މިކަންކަން ތަންފީޒު ކުރެވޭނެ ކަމުގައި ރައީސް ވިދާޅުވިއެވެ.




