މި މަސް ނިމޭ ހިސާބުގައި، ޑޮލަރުގެ މައްސަލައަށް ލުޔެއް ލިބޭނެ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިޝާރާތްކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ބީއެމްއެލްއިން ވިއްކަން ޖެހޭ ޑޮލަރުގެ މިންވަރު އިތުރުވަމުން އަންނައިރު، އެ ބެންކުން ވަނީ ޑޮލަރު ވިއްކާ މިންވަރު ވަކި މިންވަރެއްގައި ހިފެހެއްޓުމަށް ފިޔަވަޅުތަކެއް އަޅައިފައެވެ. އޭގެ ސަބަބުން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަަކަށް ވެސް ދަތިތައް ކުރިމަތިވާ ކަމުގެ ކަންބޮޑުވުން ވަނީ އިތުރުވެފައެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިކަމާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް މުޢިއްޒު ވިދާޅުވީ ބީއެމްއެލްއިން ފިޔަވަޅުތައް އަޅާފައިވަނީ އެ ބެންކަށް ދަތިތަކެއް ދިމާވުމުން ކަމަށެވެ.
”އެހެންނަމަވެސް އަޅުގަނޑު އިއްޔެގައި ރައީސް އޮފީހުން މައުލޫމާތު ހޯދައި ބެލިއިރުގައި މި މަސް ނިމޭ ހިސާބުން އިރާދަކުރެއްވިއްޔާ އަނެއްކާވެސް ވަރަށް ބޮޑު ތަނުން ލުއިކޮށްދޭނެ ކަމުގެ އިޝާރާތްކުރައްވައިފައިވޭ“ ރައީސް ވިދާޅުވެފައިވެއެވެ.
ރާއްޖޭން ބޭރުގައި ބީއެމްއެލްގެ ކާޑުތަކުން ޑޮލަރު ބޭނުންކުރެވޭ މިންވަރަށް މީގެ ކުރިން ލިމިޓުތައް ކަނޑައަޅައިފައި ވަނިކޮށް، މިދިޔަ މަހު ވަނީ އިތުރު ފިޔަވަޅުތަކެއް އަޅައިފައެވެ. އެގޮތުން ރާއްޖޭގައި ތިބޭ މީހުންގެ ކާޑު ބޭރަށް ގެންގޮސް ބޭނުންކޮށްގެން، ބޭރުގެ އޭޓިއެމްއާއި ޕީއޯއެސް މެޝިންގައި ޑޮލަރު މުއާމަލާތްތައް ނުކުރެވޭ ގޮތް ހަދަން ބީއެމްއެލްއިން ނިންމިއެވެ.
މީގެ އިތުރުން، އީކޮމާސްއަށް ކަނޑައެޅޭ ބަޖެޓް ވީހާވެސް ހަމަހަމަ ގޮތަކަށް ބޭނުންކުރެވޭ ގޮތް ހަމަޖެއްސުމަށް، ކޮންމެ ކަސްޓަމަރަކަށް މަހަކު އީކޮމާސްގައި ހެދޭ ޓްރާންސެކްޝަންގެ އަދަދު 30 އަށް ކަނޑައެޅުން ވެސް ޝަރީފް ފާހަގަކުރެއްވިއެވެ.
ހަމައެއާއެކު، ރާއްޖެއިން ބޭރުގައި އަމިއްލަ ކާޑެއް ނެތި ކިޔަވާ ކުދިންނަށް، ބެލެނިވެރިޔާގެ ކާޑުގެ ބަދަލުގައި ސްޓޫޑެންޓް ކާޑު ދޭން ނިންމައި އެކަން ވެސް ބެންކުން އިއުލާންކުރިއެވެ.



