ދުންފަތުން ނަގާ ޑިއުޓީގެ ކަންކަމުގައި ސަރުކާރުން ޔޫ ޓާނެއް ނުނަގާ ކަމަށާއި ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީއަށް ސަރުކާރުން ގެންނާނީ ކޮންމެހެން ގެންނަން ޖެހޭ ބަދަލު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު ޢަލީ އިޙްސާން ވަނީ، ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ތިން ރުފިޔާ 50 ލާރިން އަށް ރުފިޔާއަށް ބޮޑުކުރުމަކީ ސަރުކާރުން ނިންމި އުނދަގޫ ނިންމުމެއް ކަމަށާއި، އޭގެ ދެބައިކުޅަ އެއްބައި ލުއިކުރަން ސަރުކާރުން ވިސްނަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.
މިނިސްޓަރު ވިދާޅުވީ ދުންފަތުން ނަގާ ޑިއުޓީ ހަތަރު ރުފިޔާއަށް ކުޑަކުރަން ދުނިޔޭގެ ސިއްހަތާ ބެހޭ ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން ލަފާ ދީފައިވާ ކަމަށެވެ.
އެކަމާ ގުޅޭގޮތުން މިއަދު ނޫސްވެރިއަކު ސުވާލުކުރުމުން ރައީސް ވިދާޅުވީ، ދުންފަތުން ނަގާ ޑިއުޓީއާ ގުޅޭ ގޮތުން ސަރުކާރުން ގެންގުޅޭ ސިޔާސަތަށް އެއްވެސް ބަދަލެއް ނާންނަ ކަމަށެވެ.
”އެއް ގޮތަކަށްވެސް އަޅުގަނޑުމެން ޔޫ ޓާނެއް ނެގީކީއެއްވެސްނޫން، އެއް ގޮތަކަށްވެސް ޔޫ ޓާނެއް ނޫން، އަދި އަޅުގަނޑުމެންގެ ސިޔާސަތަށް ބަދަލެއްވެސް ނާދޭ“ ރައީސް ވިދާޅުވިއެވެ.
މުޅި ދުނިޔޭގައި ވެސް ޖެނެރޭޝަނަލް ބޭން އެއް އެންމެ ފުރަތަމަ ގެނައީ ރާއްޖޭން ކަމަށް ވިދާޅުވެ، ރައީސް ވިދާޅުވީ، ޕްރިވެންޓިވް ހެލްތު ކެއާގެ ސިޔާސަތު ތަންފީޒުކުރުމަށްޓަކައި ސަރުކާރުން ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށެވެ. ދުންފަތުގެ އިސްތިއުމާލުކުރުމުން ރައްޔިތުން ދުރުކުރުމަށްޓަކައި ފިޔަވަޅު އަޅަނީ އޭގެ ތެރެއިން ކަމަށް، ރައީސް ވިދާޅުވިއެވެ.



