މީގެ 13 އަހަރު ކުރިން މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު މަރާލި މައްސަލައިގައި މަރަން ހުކުމްކޮށްފައި ހުރި، ކުޑަކުއްޖެއްގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުގެ ހުއްދަ އެ ކޯޓުން މިއަދު ދީފިއެވެ.
އެނގިފައިވާ ގޮތުގައި މިއީ މއ. އައިޝާ / ހުސައިން ވަހީދަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި މައްސަލައިގައި ހިމެނޭ، އެއިރު 18 އަހަރު ނުފުރޭ ކުއްޖެއްގެ މައްސަލަކެވެ.
އެ މައްސަލައިގައި އެއިރު ކުޑަކުއްޖެއްގެ ގޮތުގައި ހުރި މީހަކަށް ކްރިމިނަލް ކޯޓުން ކުރި މަރުގެ ހުކުމް ކުރިން ސުޕްރީމް ކޯޓުން ވަނީ ބާތިލުކޮށްފައެވެ.
ކުޑަކުދިންގެ މައްސަލަތަކަކީ އާއްމުކޮށް ހުޅުވައި ނުލާ ކުރިއަށް ގެންދާ މައްސަލަތަކެއް ކަމުން، މިހާރު ސުޕްރީމް ކޯޓަށް ހުށަހަޅާފައި މިވާ މައްސަލައިގެ ވެސް މާބޮޑު ތަފުސީލެއް ލިބިފައެއް ނުވެއެވެ.
ހުސައިން ވަހީދު، މަރާލީ ޑިސެމްބަރު 24، 2013ގެ ރޭ، އޭނާ ދިރިއުޅޭ ގޭގެ ކައިރީގައި ހުއްޓައި 8 އިންޗީގެ ވަޅިއެއް އޭނާގެ މެއަށް ހަރައި ޒަޚަމްކޮށްލުމުން އެކަމަށް ފަރުވާ ހޯދަމުންދަނިކޮށް ކަމަށް އޭރުގެ ރިޕޯޓުތަކުގައިވެއެވެ. އޭނާއަށް ހަމަލާ ދިނީ އޭރު 18 އަހަރު ނުފެރޭ ދެ ކުދިންނެވެ.
ޖުވެނައިލް ކޯޓުން 2015 ވަނަ އަހަރު އެ ދެ ކުދިންގެ މައްޗަށްވެސް މަރުގެ ހުކުމް އިއްވިއެވެ. އެއީ ހުސައިން ވަހީދުގެ ވާރިސުންގެ ތެރޭގައި ހިމެނޭ 9 ވާރިސުންވެސް މަރަށް މަރު ހިފުމަށް ބޭނުންވާ ކަމަށް ބުނެފައިވާތީއެވެ.
ނަމަވެސް ޖުވެނައިލް ކޯޓުގެ އެ ނިންމުން އެ ދެ މީހުންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. އެ މައްސަލަ ބެލުމަށްފަހު އޭޕްރީލް 30، 2019 ގައި ހައިކޯޓުން އެ މައްސަލައިގައި ހުކުމް ކުރީ ޖުވެނައިލް ކޯޓުން ކޮށްފައިވާ މަރުގެ ހުކުމަށް ތާއީދުކުރާ ކަމަށެވެ.
ނަމަވެސް ހައިކޯޓުން ޖުވެނައިލް ކޯޓުގެ ހުކުމަށް ތާއީދު ކުރި ފަހުން، ސެޕްޓެމްބަރު 22، 2022 ގައި ހުސެއިން ވަހީދުގެ މަންމަ އެ މައްސަލައާ ގުޅޭ ސިޓީއެއް އުއްތަމަ ފަނޑިޔާރަށް ވަނީ ފޮނުވައިފައެވެ.
އެ ސިޓީގައި ހުސެއިން ވަހީދުގެ މަންމަ ބުނެފައިވަނީ އޭނާގެ ދަރިފުޅު ހުސެއިން ވަހީދުގެ މަރުގެ ޖަޒާއެއްގެ ގޮތުން ކުށް ސާބިތުވި ދެ ކުދިން މެރުމަށް އޭނާ ހިމެނޭ ގޮތުން ހުރިހާ ވާރިސުން ކުރިން ބޭނުންވި ނަމަވެސް، އޭގެ ތެރެއިން އެއް ކުއްޖެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ކުރުމަށް އެއްވެސް ވަރަކަށް ބޭނުން ނުވާ ކަމަށެވެ.
ސަބަބެއް ކަމަށް އެ ސިޓީގައި ބުނެފައި ވަނީ، އޭނާގެ ފަރާތުން އެ ކުއްޖާ މައާފަށް އެދިފައިވާތީ، މައާފުކޮށްދީފައިވާތީ ކަމަށެވެ. އަދި ސިޓީއާ ގުޅޭ ގޮތުން ޝަރީއަތުގެ މަޖިލީހުގައި ސާފުކުރަންޖެހޭ ކަމެއް އޮތްނަމަ، ޝަރީއަތަށް ހާޒިރުކޮށްދެއްވައި އޭނާގެ ބަސް ހޯއްދެވިޔަސް ރަނގަޅު ކަމަށްވެސް އެ ސިޓީގައި ހުސެއިން ވަހީދުގެ މަންމަ ބުނެފައިވެއެވެ.





1 Comment
އީއީއައްމާމާ….