އަމިއްލަ އިސްނެގުމަށް ސަރުކާރުގެ މިނިސްޓްރީތަކާއި އިދާރާތަކުން ހާމަކުރަންޖެހޭ މައުލޫމާތުތައް މި ހަފުތާގެ ތެރޭގައި ހާމަކުރުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، މައުލޫމާތު ހާމަކުރުމަށް އޮންނަ ޤާނޫނުގައި އޮންނަ ގޮތަށް ވުޒާރާތަކުން ހާމަކުރަންޖެހޭ މައުލޫމާތުތައް ހިއްސާކުރުމުގެ ކަންކަން ވަރަށް ޚާއްސަަ އިސްކަމެއްދީގެން މިހާރު ހުރިހާ މިނިސްޓްރީތަކަކުން ކުރަމުންދާ ކަމަށެވެ. އަދި އެ ތަންތަނުން ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތުތައް އެ ވުޒާރާއެއްގެ ވެބްސައިޓުގައި ޢާއްމުކޮށް ނިމެމުންދާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އިންފޮމޭޝަން ކޮމިޝަނުން ކުރަމުންދާ ދިރާސާތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، މިހާރުވެސް 4 ވަރަކަށް މިނިސްޓްރީއަކުން 100 އިންސައްތަ މައުލޫމާތު ހާމަކޮށްފައިވާ ކަމަށް އެ ކޮމިޝަނުން އަންގާފައިވާ ކަމަށެވެ.
”އިންފޮމޭޝަން ކޮމިޝަނުންވެސް ދިރާސާކޮށް އެބޭފުޅުންގެ އަޕްޑޭޓުތައްވެސް އެބަދެއްވާ. އެގޮތުން މިހާރުވެސް 4 ވަރަކަށް ވުޒާރާއަކުން %100 މައުލޫމާތު ޑިސްކްލޯޒްކޮށްފައިވާ ކަމަށް އިންފޮމޭޝަން ކޮމިޝަނުން އެބައޮތް މިނިސްޓްރީތަކަށް އަންގަވާފައި. އަދި ދެން ހުރި މިނިސްޓްރީތައްވެސް ގާތްގަނޑަކަށް ހަަމަ ނިމެމުން އެދަނީ، މިބަލަނީ މި ހަފުތާތެރޭގައި ހުރިހާ ވުޒާރާއަކުންވެސް %100 އެޗީވްކުރެވޭތޯ. އެ މައުލޫމާތުތައް ޕަބްލިޝްކޮށް ނިންމަން. އެކަން އިރާދަކުރެއްވިއްޔާ ވަރަށް ރަނގަޅަށް ކުރިއަށްދާނެ“ ރައީސް ވިދާޅުވިއެވެ.



