ދިވެހިރާއްޖޭގެ ފުޓްބޯޅައަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ބާއްވާ ޑައިމަންޑް ޖުބިލީ އިންޓަރނޭޝަނަލް ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި ޕާކިސްތާނާއި ބަންގްލަދޭޝް ބައްދަލުކޮށް، 0-0 އިން ދެ ޓީމު އެއްވަރުވެއްޖެއެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗުގައި ބަންގްލަދޭޝްއިން ފޮނުވާފައިވަނީ އެ ގައުމުގެ ޒުވާން ޓީމެކެވެ.
މެޗުގެ ފުރަތަމަ ހާފުގައި ބަންގްލަދޭޝްއިން ރަނގަޅު ކުޅުމެއް ދައްކައި ލަނޑު ޖަހާނެ ހުސް ފުރުސަތުތަކެއް ތަނަވަސްކުރިއެވެ. ނަމަވެސް ޕާކިސްތާނުގެ ގޯލްކީޕަރު ޔޫސުފް އިޖާޒް ބަޓް ވަނީ ބަންގްލަދޭޝްގެ ހަމަލާތައް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
ފުރަތަމަ ހާފުގައި ޕާކިސްތާނަށް ބަންގްލަދޭޝްގެ ގޯލާ އަމާޒުކޮށް ނުރައްކާތެރި ހަމަލާއެއް އުފެއްދިފައެއް ނުވެއެވެ.
ދެވަނަ ހާފުގައި ޕާކިސްތާނުން ކުޅުން ރަނގަޅުކޮށް ގިނަ ހަމަލާތަކެއް އުފެއްދިއެވެ. މެޗުގެ 62 ވަނަ މިނެޓުގައި ބަންގްލަދޭޝްގެ ކެޕްޓަން މެންޖުރޫރު ރަހްމާނަށް ރަތް ކާޑު ދެއްކުމާ ގުޅިގެން އެ ޓީމުން މެޗުގެ ބާކީ މިނެޓު ފުރިހަމަކުރީ އެކަކު މަދުކޮށެވެ. މީގެ ފައިދާ ނަގައި ޕާކިސްތާނުން ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލި ނަމަވެސް، ބަންގްލަދޭޝްގެ ކީޕަރު އެމްޑީ މެހެދީ ހަސަން ވަނީ އެ ހަމަލާތައް ހުއްޓުވާފައެވެ.
މި މުބާރާތަކީ ޖުމްލަ ހަތަރު ގައުމު ވާދަކުރާ މުބާރާތެކެވެ. މުބާރާތުގެ ފައިނަލަށް ހޮވޭނީ ލީގު އުސޫލުން ކުޅުމަށްފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ.
މުބާރާތުގެ ދެވަނަ މެޗުގައި މިރޭ 9:00 ގައި ރާއްޖެ ނުކުންނާނީ އަފްޣާނިސްތާނާ ދެކޮޅަށެވެ.


