މިދިޔަ މޭ މަހުގެ 24 އިން 30 އަށް ހިނގާދިޔަ ހަފުތާގެ ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖޭގައި ސްކޭމްގެ ޖުމްލަ 23 މައްސަލައެއް ރިޕޯޓްކޮށްފައިވާ ކަމަށާއި، މި މައްސަލަތަކުގައި އާންމުންގެ އަތުން ޖުމްލަ 126،489.00 ރުފިޔާ ގެއްލިފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފުލުހުން ހާމަކުރި ގޮތުގައި، ސްކޭމް ކުރާ ފަރާތްތަކުން އަތުލި ފައިސާގެ ތެރެއިން މިހާތަނަށް ހޯދިފައިވަނީ 52،346.35 ރުފިޔާއެވެ.
މި ހަފްތާގައި އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ އޮންލައިން ވިޔަފާރި ނުވަތަ އީ-ކޮމާސްއާ ގުޅުންހުރި މައްސަލަތައް ކަމަށް ފުލުހުން ބުނެއެވެ. އެގޮތުން އީ-ކޮމާސްގެ 17 މައްސަލައެއް ވަނީ ހުށަހަޅާފައެވެ.
އޮންލައިންކޮށް މުދާ ގަންނައިރު، ރަޖިސްޓްރީކޮށްފައިވާ ވިޔަފާރީގެ މައުލޫމާތާއި ވިއްކާ މުދަލާ ދިމާވޭތޯ ބެލުމަށާއި، މުދާ ލިބުމުން ފައިސާ ދައްކާ ގޮތަށް (ކޭޝް އޮން ޑެލިވަރީ) ވިޔަފާރި ކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
މީގެ އިތުރުން، ބޭރު ފައިސާ މާރުކުރުމުގެ ތެރެއިން ހިނގާ ސްކޭމްތަކުގެ ހަތަރު މައްސަލައެއް ވެސް މިދިޔަ ހަފުތާގައި ވަނީ ފާހަގަކުރެވިފައެވެ. މިފަދަ ކަންކަމުން ސަލާމަތްވުމަށްޓަކައި، ލައިސަންސް އޮތް ވިޔަފާރިތަކުގެ ރަސްމީ ލޭންޑްލައިން ނަންބަރަށް ގުޅައި، އެ ފަރާތްތަކުން ބޭނުންކުރާ ވައިބާ ނުވަތަ ވަޓްސްއަޕް ނަންބަރަކީ ސައްހަ ނަންބަރެއްތޯ ކަށަވަރުކުރުމަށް ފުލުހުން އިރުޝާދުދެއެވެ.



