ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު ދައުލަތުގެ މާލީ ހާލަތު ބޮޑުތަނުން ރަނގަޅުވެ، އިންފްލޭޝަން ރޭޓުވެސް ދަށަށް ގޮސްފައިވާކަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ.
އޭގެއިތުރުން ދައުލަތަށް ލިބޭ އާމްދަނީ އިތުރުވެ، ހަރަދުތައް ކުޑަކުރެވުމާއެކު ފިސްކަލް ބެލެންސް ވަނީ ހަރުދަނާވެފައެވެ.
މަރުކަޒީ ބޭންކް، އެމްއެމްއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ އަދަދު ވަނީ 29.9 ބިލިއަން ރުފިޔާއަށް އަރައިފައެވެ. މިއީ 2025 ވަނީ އަހަރުގެ އެ މުއްދަތުގައި ލިބުނު 25.4 ބިލިއަން ރުފިޔާއާ އަޅާބަލާއިރު ބޮޑު ކުރިއެރުމެކެވެ.
ދައުލަތުގެ ޚަރަދުތައް 22.7 ބިލިއަނުން 23.5 ބިލިއަން ރުފިޔާއަށް އިތުރުވި ނަމަވެސް، އާމްދަނީ އިތުރުވި ނިސްބަތް މަތިވުމުގެ ސަބަބުން ބަޖެޓުގެ ފިސްކަލް ސާޕްލަސް ވަނީ 34.2 މިލިއަން ރުފިޔާއިން 63.3 މިލިއަން ރުފިޔާއަށް މައްޗަށް ގޮސްފައެވެ.
އިގްތިސާދީ ދާއިރާއަށް ބަލާއިރު، ރާއްޖޭގެ އިންފްލޭޝަން ރޭޓް ވަނީ ބޮޑުތަނުން ދަށަށް ގޮސްފައެވެ. މިދިޔަ އަހަރުގެ އޭޕްރީލް މަހު 5.6 އިންސައްތައިގައި ހުރި އިންފްލޭޝަން، 2026 ވަނަ އަހަރުގެ އޭޕްރީލް މަހު ވަނީ 2.9 އިންސައްތައަށް ތިރިވެފައެވެ. މިއީ ތަކެތީގެ އަގު އުފުލޭ މިންވަރު މަޑުޖެހި، އިގްތިސާދަށް ލިބުނު ލުޔެއްގެ ގޮތުގައި އެމްއެމްއޭއިން ފާހަގަކުރެއެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، 2025 ވަނަ އަހަރުގެ އޭޕްރިލް މަހު 5.6 އިންސައްތައިގައި ހުރި އަހަރީ އިންފްލޭޝަން ރޭޓު، 2026 ވަނަ އަހަރުގެ އޭޕްރިލް މަހު ވަނީ 2.9 އިންސައްތައަށް ދަށްވެފައެވެ.
މި ބޮޑު ދަށްވުމުން ދޭހަވަނީ، ނިމިދިޔަ އަހަރުގެ ތެރޭގައި މުދަލާއި ހިދުމަތުގެ އަގުތައް އުފުލެމުންދިޔަ ހަލުވިމިން ވަރަށް ބޮޑަށް މަޑުޖެހިފައިވާ ކަމެވެ. އިގްތިސާދީ މާހިރުން ފާހަގަކުރާ ގޮތުގައި، އިންފްލޭޝަން ދަށްވުމުގެ ސަބަބުން އާންމު ދިރިއުޅުމުގެ ހަރަދުތައް އިތުރުވާ މިންވަރު ކުޑަވެ، މީހުންގެ ގަންނަ ފޯރުންތެރިކަން ނުވަތަ މާލީ ގާބިލުކަން އިތުރުވުމަށް މަގުފަހިވެއެވެ.




