އިއްޔެ ހިނގި ކަނޑުމަތީގެ އެކްސިޑެންޓުގައި ލޯންޗު ޖެހުނު ސަޕްލައި ދޯނީގެ ކެޕްޓަންގެ ލައިސަންސް ހިފަހައްޓާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
އިއްޔެ ހެނދުނު އެކްސިޑެންޓުވީ، ދެ މީހުންނާ އެކު ދަތުރުކުރަމުން ދިޔަ ”ޓުއާ ގާޑް“ ނަމަކަށް ކިޔާ ލޯންޗެކެވެ.
ލޯންޗުގައި ޖެހުމުން އެ ދޯނި ވަނީ މަޑުނުކޮށް ގޮސްފަ ކަމަށް އެނގިފައިވެއެވެ.
ފުލުހުން އިއްޔެ ވަނީ އެ އެކްސިޑެންޓަށް ފަހު، އެ ދޯނި މަޑުނުކޮށް ދިޔަ މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ ކަމަށް ބުނެފައެވެ.
ފުލުހުން މިއަދު ބުނީ އެ ދޯނި ދުއްވި ކެޕްޓަންގެ ލައިސަންސް ހިފަހައްޓާފައިވާ ކަމަށެވެ. އެ ހާދިސާގެ މަދަނީ އަދި ޖިނާއީ ތަހުގީގުތައް ފުލުހުން ކުރިއަށް ގެންދާ ކަމަށް ވެސް ބުންޏެވެ.
އެ ހާދިސާ ހިނގި ވަގުތު ލޯންޗުގައި ތިބީ ދެ ފަޅުވެރިންނެވެ. އެ ދެ މީހުންނަށް ބޮޑެތި އަނިޔާތަކެއް ވެގެން އައިޖީއެމްއެޗުގައި އަންނަނީ ފަރުވާދެމުންދެމުންނެވެ. އެއީ އުމުރުން 38 އަހަރުގެ ދިވެހި ފިރިހެނަކާއި 30 އަހަރުގެ ބިދޭސީ ފިރިހެނެކެވެ.



