ފާއިތުވި ހަ އަހަރުގެ ތެރޭގައި ދައުލަތުގެ ބަޖެޓުން އެންމެ ކުޑަ ޑެފިސިޓެއް ރެކޯޑުކުރެވިފައިވަނީ މިދިޔަ އަހަރުކަން ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން މިއަދު ދައްކައިފިއެވެ.
އެ މިނިސްޓްރީން އާންމުކޮށްފައިވާ ”ބަޖެޓު ނަތީޖާ ބަޔާން 2025“ އިން ދައްކާ ގޮތުގައި، 2025 ވަނަ އަހަރު ރާއްޖޭގެ ފިސްކަލް ޑެފިސިޓް ނުވަތަ އާމްދަނީއާ ޚަރަދުގެ ފަރަގު ވަނީ 4.4 ބިލިއަން ރުފިޔާއަށް ދަށްވެފައެވެ.
މިއީ ފާއިތުވި ހަތް އަހަރުގެ ތެރޭގައި މި އަދަދު މިހާބޮޑަށް ދަށްވި ފުރަތަމަ ފަހަރެވެ.
މި ނަތީޖާއަކީ މިދިޔަ އަހަރަށް ފާސްކުރި ބަޖެޓުގައި ޑެފިސިޓްވާނެ ކަމަށް އަންދާޒާކުރި މިންވަރަށް ވުރެ ބޮޑު ތަނުން ކުޑަ އަދަދެކެވެ. އޮކްޓޯބަރު 31، 2024 ގައި މިނިސްޓްރީން ހުށަހެޅި ބަޖެޓުގައި އަންދާޒާކޮށްފައިވަނީ 9.4 ބިލިއަން ރުފިޔާގެ ޑެފިސިޓެކެވެ. ނަމަވެސް، ބަޖެޓު ތަންފީޒުކުރެވުނުއިރު ޑެފިސިޓް ވަނީ އަންދާޒާކުރި ވަރަށްވުރެ 5.0 ބިލިއަން ރުފިޔާ ނުވަތަ %53.6 ކުޑަކުރެވިފައެވެ.
މީގެއިތުރުން ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން (ޖީޑީޕީ) ބަލާއިރު، 2025 ވަނަ އަހަރުގެ ޑެފިސިޓަކީ %3.6 އެވެ. މިއީ 2024 ވަނަ އަހަރުގެ %9.9 އާއި، 2023 ވަނަ އަހަރުގެ %10.5 އާއި 2022 ވަނަ އަހަރުގެ %8.4 އާއި 2021 ވަނަ އަހަރުގެ %10.0 އަދި 2020 ވަނަ އަހަރުގެ %16.6 އާ އަޅާބަލާއިރު ބޮޑު ކުރިއެރުމެކެވެ. މި ބަޔާނުން އެނގޭ ގޮތުގައި 2025 ވަނަ އަހަރަކީ 2020 ވަނަ އަހަރަށްފަހު އެންމެ ކުޑަ ޑެފިސިޓެއް ރެކޯޑުކުރެވުނު އަހަރެވެ.
ފިނޭންސުން ބުނި ގޮތުގައި މި ކުރިއެރުން ލިބުނީ ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް އެޅި ފިޔަވަޅުތަކާއި، ސަރުކާރުގެ އިންވެސްޓްމަންޓް މަޝްރޫއުތައް ހިންގުމަށް ގެނައި ހަރުދަނާ ބަދަލުތަކުގެ ސަބަބުންނެވެ. މި އަހަރުގެ ޖުމްލަ ޚަރަދަކީ 44.2 ބިލިއަން ރުފިޔާއެވެ. މިއީ ބަޖެޓުގައި ލަފާކުރި 49.2 ބިލިއަން ރުފިޔާއަށްވުރެ 5.0 ބިލިއަން ރުފިޔާ މަދު އަދަދެކެވެ.
މީގެ އިތުރުން، މިދިޔަ އަހަރު ނިންމާލާފައިވަނީ ސަޕްލިމެންޓްރީ ބަޖެޓަކާ ނުލައެވެ.
މި ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި 2025 ވަނަ އަހަރަކީ ފާއިތުވި ފަސް އަހަރުގެ ތެރޭގައި، އަހަރުގެ މެދުތެރެއިން އިތުރު ބަޖެޓެއް ބޭނުންނުވެ، ފާސްކުރި ބަޖެޓުގެ ތެރޭގައި ޚަރަދުތައް މެނޭޖުކުރެވުނު ހަމައެކަނި އަހަރެވެ.
ދައުލަތަށް ލިބުނު އާމްދަނީގެ ސަބަބުންވެސް ބަޖެޓުގެ ނަތީޖާ ރަނގަޅުވުމަށް ބާރު ލިބުނެވެ. މިދިޔަ އަހަރުގެ ބަޖެޓުގައި އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރީ 39.8 ބިލިއަން ރުފިޔާއެވެ. ނަމަވެސް، ލިބުނު އާމްދަނީއަކީ 39.9 ބިލިއަން ރުފިޔާއެވެ. މިއީ އަންދާޒާކުރި ވަރަށްވުރެ 74.4 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
ބައެއް ދާއިރާތަކުން ލިބުނު އާމްދަނީއަށް ބަދަލުތަކެއް އައި ނަމަވެސް، ޖުމްލަ އާމްދަނީ ހުރީ ލަފާކުރި މިންވަރާ ދާދި އެއްވަރެއްގައެވެ. ޚާއްޞަކޮށް ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބުނު ފައިސާއިން ބައެއް ދާއިރާތަކުގެ އާމްދަނީ ދަށްވި ބައި ފޫބެއްދުނެވެ. މީގެ ތެރޭގައި ރިސޯޓް ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީ އާއި، ބިން ވިއްކުމާއި ބަދަލުކުރުމުގެ ފީ، އަދި ވޯކް ޕާމިޓް ފީ ހިމެނެއެވެ.



