މި އަހަރު ރާއްޖެއިން ހައްޖަށް ދިޔަ މީހުން އަންނަ ހުކުރު ދުވަހު އަނބުރާ އަންނަން ފެށުމާ އެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ބާރުބޮޑުވާނެތީ، އެ ދުވަސްތަކުގައި އެއާޕޯޓަށް ދާ މީހުން ފެރީ އާއި ބަހުގެ ހިދުމަތް ބޭނުންކުރަން އިލްތިމާސްކޮށްފިއެވެ.
ވީއައިއޭ އިން މިއަދު ނެރުނު ޓްރެވަލް އެޑްވައިޒަރީއެއްގައި ބުނީ މި އަހަރުގެ ހައްޖުގެ އަޅުކަން ފުރިހަމަ ކުރުމަށް ފަހު ހައްޖުވެރިން އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައިވާ ދުވަސްތަކުގައި ދަތުރުވެރިންނާއި ހައްޖުވެރިން ބަލާ ގިނަ އަދަދެއްގެ ބަޔަކު އެއާޕޯޓަށް ދާނެ ކަމަށް ބެލެވޭތީ، ދަތުރުވެރިން އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެދޭ ކަމަށެވެ.
ހައްޖުވެރިން އެނބުރި އަންނަނީ އަންނަ ހުކުރު ދުވަހާއި އާދިއްތަ ދުވަހާއި ހޯމަ ދުވަހު އަދި އަންގާރަ ދުވަހު އޮންނަ ފްލައިޓްތަކުންނެވެ.
އެއާޕޯޓަށް ބާރުބޮޑުވާނެތީ، އެ ދުވަސްތަކުގައި އެއާޕޯޓަށް ދާ މީހުން ފެރީ އާއި ބަހުގެ ހިދުމަތް ބޭނުންކުރަން ވީއައިއޭ އިން ވަނީ ބާރުއަޅައިފަ އެވެ.
”މިކަމުގެ ސަަބަބުން އެއާޕޯޓްގެ ޕާކިންގެ އިތުރުން އެއާޕޯޓުގެ ޓްރެފިކަށް ބާރުބޮޑުވާނެ ކަމަށް ލަފާކުރެވޭތީ، މި ދުވަސްތަކުގައި އެއާޕޯޓަށް ވަޑައިގަންނަވާ ފަރާތްތަކުން ފެރީ ނުވަތަ އެއާޕޯޓް ބަސް ބޭނުންކުރެއްވުމަށް އިލްތިމާސްކުރަމެވެ،“ ވީއައިއޭގެ ޓްރެވަލް އެޑްވައިޒަރީގައި ބުންޏެވެ.
މިއަހަރު ރާއްޖެއިން ޖުމްލަ 1،019 މީހަކު ހައްޖަށް ދިޔަ އެވެ. އެ އެންމެންގެ ވެސް ހާލު ރަނގަޅު ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެ އެވެ.




