ރާއްޖޭގެ ފުޓްބޯޅައަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ބާއްވާ ޑައިމަންޑް ޖުބިލީ އިންޓަރނޭޝަނަލް ފުޓްބޯޅަ މުބާރާތުގެ މެޗުތަކުގެ ޓިކެޓު އަގުހެޔޮކޮށްފިއެވެ.
މި މުބާރާތުގެ މެޗުތައް މި މަހުގެ 1 ވަނަ ދުވަހު ފެށިއިރު، ޓިކެޓު ވިއްކާފައިވަނީ 200 ރުފިޔާ އާއި 100 ރުފިޔާ އަށެވެ. އެހެންނަމަވެސް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މިއަދު ބުނީ މިހާރު ޓިކެޓު ވިއްކާ އަގުތަކަކީ 50 ރުފިޔާ އާއި 100 ރުފިޔާއަށް ކަމަށެވެ.
ޓިކެޓުގެ އަގުތަކަށް ބަދަލުގެނެސް ބުރާސްފަތި ދުވަހުގެ މެޗުތަކުގެ ޓިކެޓު މިއަދު ވަނީ ވިއްކަން ފަށާފައެވެ. އެގޮތުން ސިޑިބަރީގެ ޓިކެޓެއް 50 އަށް ހުރިއިރު، ގޮނޑި ބަރިން ޓިކެޓު ވިއްކަނީ 100 އަށެވެ. މި މުބާރާތުގެ ކޮންމެ މެޗަކަށްވެސް އެންމެ ގިނަވެގެން ވިއްކާނީ 4000 ޓިކެޓު ކަމަށް އެފްއޭއެމްއިން ވަނީ ބުނެފައެވެ.
މި މުބާރާތުގެ މެޗުތައް ބެލުމަށާއި، ޓީމަށް ހިތްވަރުދިނުމަށް ގިނަ ސަޕޯޓަރުން ދަނޑަށް ދިއުމަކީ ގައުމީ ޓީމުގެ ވަރަށް ބޮޑު އެދުމެއްކަމަށް މުބާރާތުގެ ކުރިން ޓީމުން ވަނީ ބުނެފައެވެ. ނަމަވެސް މުބާރާތުގެ ފުރަތަމަ ދުވަހުގެ މެޗުތަކަށް އެކަށީގެންވާ ވަރަށް ސަޕޯޓަރުން ވަދެފައެއް ނުވެއެވެ.
މި މުބާރާތުގައި ރާއްޖޭގެ އިތުރުން ބަންގްލަދޭޝް، ޕާކިސްތާން އަދި އަފްޣާނިސްތާން ވާދަކުރެއެވެ. މީގެ ކުރިން ބަންގާޅު ޓީމުން ރާއްޖޭގައި މެޗުތައް ކުޅޭއިރު، އެ ގައުމުގެ ސަޕޯޓަރުން ގަލޮޅު ދަނޑު ފުރާލި ނަމަވެސް، މި މުބާރާތުގައި އެގައުމުގެ ފުރަތަމަ މެޗު ބެލުމަށް ދަނޑަށް ވަތް ސަޕޯޓަރުން ނިސްބަތުން މަދުކަން ފާހަގަކުރެވެއެވެ.


