މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ޒަމާނުއްސުރެ ހިނގަމުން އައި ގޮތަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭ ކަމަށް އެ ކުންފުނީގެ އައު ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު އަނަސް ވިދާޅުވެއްޖެއެވެ.
އަނަސް މިހެން ވިދާޅުވެފައިވަނީ، މަސް ކުންފުނީގެ ސެންޓަރުތަކަށް ކުރައްވަމުން ގެންދަވާ ޒިޔާރަތުގެ ތެރެއިން ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް އަށް ކުރެއްވި ޒިޔާރަތުގައި މުވައްޒަފުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
އެގޮތުން ސީއީއޯ ވިދާޅުވީ، އޭނާ ތަޞައްވުރަކީ މިފްކޯއަށް އިޞްލާޙީ ބަދަލުތަކެއް ގެނައުން ކަމަށާއި މިފްކޯއަކީ ސައްތައިން ސައްތަ ސަރުކާރުގެ ހިއްސާ އޮންނަ ކުންފުންޏަކަށް ވެފައި، ޒަމާނުއްސުރެ ކުންފުނި ހިނގަމުން އައި ގޮތަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭ ކަމަށެވެ. އަދި ޒަމާނީ ކުންފުންޏަކަށް މިފްކޯ ބަދަލުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
”މުވައްޒަފުންގެ މުސާރައަށް ވެސް ހެޔޮ ބަދަލެއް ގެންނަންޖެހޭ. އެކަން ކުރެވޭނީ ކުންފުނީގެ އާމްދަނީ އިތުރު ކުރެވިގެން. އެހެންކަމުން ކުންފުނީގެ މާލީ ގާބިލްކަން އިތުރުކުރެވޭނެ ގޮތްތައް ހޯދުމަށް ވަރަށް ބޮޑަށް އިސްކަންދޭނަން. ހަމައެކަނި މަސް އެކްސްޕޯޓް ކުރުމުގެ ބަދަލުގައި އިތުރު އާމްދަނީ ލިބޭނެ ގޮތްތައް އަޅުގަނޑުމެން މިއަދު ހޯދަންޖެހޭ. މިގޮތުން މެނޭޖްމަންޓުން އެބަ މަސައްކަތް ކުރަން ކުންފުނީގެ އޮޕަރޭޝަން ޑައިވާސިފައި ކޮށް، އައު މާކެޓުތައް ހޯދައި، އަޅުގަނޑުމެންގެ އުފެއްދުންތަކަށް އަގު އެއްކުރާނެ އިތުރު ގޮތްތަކެއް ހޯދަން“ މިފްކޯގެ ސީއީއޯ އަނަސް ވިދާޅުވިއެވެ.
މީގެއިތުރުން ސީއީއޯ ވިދާޅުވީ މި ބަދަލުތަކުން ހެޔޮ ނަތީޖާ ފެންނާނެ ކަމަށެވެ. އެހެންކަމުން ހުރިހާ މުވައްޒަފުން ވެސް މަސައްކަތުގެ އަޚްލާޤު ހިފައްޓައި، ގުޅިގެން އެއް ޓީމެއްގެ ގޮތުގައި މަސައްކުރުމަށް އެދިވަޑައިގަތެވެ. އަދި މުވައްޒަފުންގެ ހުރި ކަންބޮޑުވުންތައް ދެނެގަނެ، އެކަންކަން ރަނގަޅު ކުރުމަށް މެނޭޖްމަންޓުން މަސައްކަތް ކުރާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.




