ނ. ލަންދޫގައި ހުމެއް ފެތުރި، ގިނަ ބަޔަކު ބަލިވަމުންދާތި ކޮވިޑާއި އިންފްލުއެންޒާއަށް ޓެސްޓުކުރަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ލަފާދީފިއެވެ.
އާއްމުކޮށް ގަދައަށް ހުން އައިސް، ކެއްސާ، ގައިގެ ވަރުދެރަކޮށްލާ އެ ބަލި ފެތުރެން ފެށީ މި ޗުއްޓީގެ ތެރޭގައި ކަމަށް ލަންދޫ ސިއްހީ މަރުކަޒުން ވަނީ މައުލޫމާތު ދީފައެވެ. އެގޮތުން ހައްޖު ދުވަހުން ފެށިގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް ވެސް އެތަނުން ބުންޏެވެ.
ލަންދޫ ސިއްހީ މަރުކަޒުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި މިހާރު ކޮންމެ ދުވަހަކުހެން 30 އަށްވުރެ ގިނަ މީހުން ބަލިވެގެން ޑޮކްޓަރަށް ދައްކައެވެ. އަދި ގިނަ ބަޔަކު އެޑްމިޓްކޮށްގެން ވެސް ފަރުވާ ހޯދަން ޖެހެއެވެ.
އޮފިޝަލު ވިދާޅުވި ގޮތުގައި، ބަލިވެގެން ސްކޫލަށް ނުދާ ކުދިންގެ އަދަދު ވެސް އެހާ ގިނަ އެވެ. އެކަމަކު ސްކޫލު އަދި ބަންދު ނުކުރާ ކަމަށާއި ފުރަތަމަ ބަލި ދެނަގަތުމަށް ޓެސްޓުތައް ހެދުމަށް ފަހު ވަކި ގޮތެއް ނިންމަން އެދިފައިވާ ކަމަށް ބުނެފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
”އަޅުގަނޑުމެން މިހާރު މި ތައްޔާރުވަނީ ކޮވިޑާއި އިންފްލުއެންޒާގެ ސާމްޕަލްތައް ނެގުމަށް. މިއީ ކޮން ހުމެއްކަން ދެނެގަނެވޭނީ އޭރުން“ އޭނާ ވިދާޅުވިއެވެ.
އިންފްލުއެންޒާ އާއެކު ހުމުގެ ރޯގާއެއް ފެތުރޭތީ ސަމާލުވުމަށް، މިދިޔަ މަހުގެ ތެރޭގައި އެޗްޕީއޭން ވެސް ވަނީ އިލްތިމާސްކޮށްފައެވެ.



