ރާއްޖެއިސްލާމްވީތާ 900 އަހަރުވާ މި މުނާސަބަތާއެކު، ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާ އެއް ބާއްވަން އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު މީޑިއާތަކަށް މިއަދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، މިއަހަރުގެ 13 ސެޕްޓެމްބަރު (2 ރައީބުލްއައްވަލް) ގައި ރާއްޖެ އިސްލާމްވިތާ 900 އަހަރު ފާހަގަކުރުމުގެ މުނާސަބަތުގައި ޒުވާން ޚަތީބުންގެ މަހާސިންތާއެއް ބާއްވަން ނިންމާފައިވާ ކަމަށާއި އަތޮޅުތަކުގައި ތިބި ޒުވާން ޚަޠީބުންނަށް މި މަހާސިންތާއަށް މާލެ އައުމުގެ އިންތިޒާމްތައް މިނިސްޓްރީން ހަމަޖެއްސުމަށް މަސައްކަތްކުރާނެ ކަމަށެވެ.
މިި މަހާސިންތާއަށް މައްކާގެ ޙަރަމްފުޅުގެ އިމާމު ފަޟީލަތުއްޝައިޚު ޑރ ޔާސިރް އައްދައުސަރީ އަށް ދައުވަތު ދޭ ގޮތައް ވެސް ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މިދައުވަތު މިހާރުވަނީ ފޮނުވާފައި ކަމަށް ވެސް ވިދާޅުވިއެވެ.
”މިއީ، ރާއްޖެއިސްލާމްވިތާ 900 އަހަރު ވުމާ ދިމާވެގެންދާނެ މަހާސިންތާއެއް. މިއީ ދިވެހިރާއްޖޭގެ ކުރިއަށް އޮތް އިސްލާމީ ޤަރުނަށް، ރާއްޖޭގެ އިސްލާމީ ޝިޢާރު ފާޅުކުރުމުގެ އިސްދައުރު އަދާކުރާނެ ޒުވާން ޚަޠީބުންނާއި ޙާފިޒުންނަށް މުހިންމު މުނާސަބަތަކަށް ވާނެ.“ މިނިސްޓަރު ޝަހީމް ވިދާޅުވެފައިވެއެވެ.
މީގެއިތުރުން، މިނިސްޓްރީން ތަމްރީންކުރާ 1000 ޒުވާން އިމާމުންނާއި ޚަޠީބުންގެ އިތުރުން ޒުވާން ޙާފިޒުން މި ކޮންފަރެންސައި ބައިވުމުގެ އިންތިޒާމް ހަމަޖައްސާނެ ކަމަށާއި މިވަގުތާ ހަމައަށް ރާއްޖޭގެ ޙާފިޒުންގެ ދަފްތަރު 307 ޙާފިޒުންނަށް އަރާފައިވާކަން މިނިސްޓަރު ފާހަގަ ކުރައްވާފައިވެއެވެ.
ޒުވާން ޚަޠީބުންގެ މިވަގުތުގެ އަދަދަކީ 532 އެވެ. މިއަހަރުގެ ސެޕްޓެމްބަރުމަހުގެ ކުރިން އަމާޒުކޮށްފައިވާ 1000 ޚަޠީބުން ހަމަވާނެ ކަމަށް މިނިސްޓަރު އަންދާޒާކޮށްފައިވެއެވެ.
ޒުވާން ޚަޠީބުން މި މަހާސިންތާއަށް މިހާރުން ފެށިގެން ތައްޔާރުވުމަށް މިނިސްޓަރ ޝަހީމް ވަނީ އެދިލައްވާފައެވެ. އަދި އިމާމުކަމުގެ ހެދުންކޮޅާއި ތާކިހާކޮޅު ތައްޔާރުކުރެއްވުމަށް ވެސް އެދިލައްވާފައިވެއެވެ.
މަހާސިންތާގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ފޯމްފުރުމަށް މި މަސްތެރޭގައި މިނިސްޓްރީން އިއުލާންކުރާނެއެވެ.




