އަންނަ އަހަރުން ފެށިގެން މާލެ އާއި ރަށްރަށުގައި އީދު ފާހަގަކުރާނެ ގޮތުގެ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
އިސްލާމިކް މިނިސްޓަރު މީޑިއާތަކަށް މިނިސްޓަރު ފޮނުއްވި މެސެޖެއްގައިވަނީ އެ ޕްލޭން އެކުލަވާލުމުގެ މަސައްކަތް މިނިސްޓްރީގެ ހާއްސަ ކޮމިޓީއަކުން މިހާރު ފަށާފައިވާ ކަމަށެވެ.
އެ ޕްލޭންގެ ދަށުން ކައުންސިލްތަކާއެކު މަޝްވަރާކޮށްގެން އަތޮޅުތަކުގައި ހަރަކާތްތެރިވާ ޖަމްއިއްޔާތައް ބައިވެރިކޮށްގެން ކުރިއަށް ގެންދާ ގޮތައް ޕްލޭންގައި ހިމަނާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ހާއްސަކޮށް ސިޓީތަކުގައި އީދު ފާހަގަކުރުމުގައި މުހިންމު އިވެންޓްތަކެއް ކުރިއަށް ގެންދާނެކަން ކަމަށާއި އަދި އެ މަސައްކަތް ކުރަނީ ހެރިޓޭޖް މިނިސްޓްރީއާ ވެސް ގުޅިގެން ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
އީދުގެ އުފާ ފާޅު ކުރާއިރު އިސްލާމީ ރިވެތި އުސޫލުތަކުގައި ހިފަހައްޓައި، ދިވެހިންގެ ރީތީ އާދަކާދައާ ހިލާފް ކަންކަމުން ދުރުވެ ތިބުމަށް މިނިސްޓްރީން މިއަހަރު ވެސް އިލްތިމާސް ކުރިއެވެ.



