ލުބުނާނާއި ޔަހޫދީ އިސްރާއީލް ސަރުކާރާ ދެމެދު އެކުލަވައިލާފައިވާ ޙަމަލާ ބަދަލުކުރުން ހުއްޓައިލުމަށް ރޭވި ރޭވުމަކަށް ލުބުނާނުގެ މުޖާހިދުންގެ ޖަމާޢަތް، ޙިޒްބުاللهއިން ދެކޮޅު ހަދައިފިއެވެ.
މި ހުށަހެޅުންތަކަށް ޙިޒްބުاللهއިން އިންކާރުކޮށްފައި މިވަނީ، ޔަހޫދީން ދެކުނު ލުބުނާނަށް ހުއްޓުމެއް ނެތި ޙަމަލާދީ، އެ ސަރަޙައްދުން ޔަހޫދީ ސިފައިން ނުބާލާނެ ކަމަށް ބުނަމުންދާ ދަނޑިވަޅެއްގައެވެ.
ޖޫން މަހުގެ 3ވަނަ ދުވަހު އެމެރިކާއިން ވަނީ ޙަމަލާ ބަދަލުކުރުން މެދުކަނޑައިލުމުގެ އެއްބަސްވުމެއް ތަންފީޛު ކުރުމަށް ލުބުނާންއާއި ޔަހޫދީން އެއްބަސްވެފައިވާ ކަމަށް އިޢުލާނުކޮށްފައެވެ. ނަމަވެސް އެ އެއްބަސްވުން ތަންފީޛު ކުރުމުގެ ޝަރުތަކީ ޙިޒްބުاللهއިން ޙަމަލާ ދިނުން ހުއްޓާލައި، ދެކުނު ލުބުނާނުގެ ސަރަޙައްދީ ރޮނގު ކައިރިން ޙިޒްބުاللهގެ މުޖާހިދުން ފޭބުމެވެ. ދެކުނު ލުބުނާނުން ޔަހޫދީ ސިފައިން ފޭބުމާ ގުޅޭ އެއްވެސް ވާހަކައެއް އެ ހުށަހެޅުމުގައި ބަޔާންކޮށްފައެއް ނުވެއެވެ.
މި އެއްބަސްވުމާ ގުޅޭގޮތުން ޙިޒްބުاللهގެ އިސްވެރިޔާ ނަޢީމް ޤާސިމް ވިދާޅުވީ، އެމެރިކާގެ ހުށަހެޅުމަކީ ލުބުނާނުގެ ރައްޔިތުންގެ ބައެއް ނައްތާލައި، ބާކީ ތިބި މީހުން އަޅުވެތި ކުރުމުގެ މަގުޗާޓެއް ކަމަށެވެ. އަދި އިސްތިޢުމާރު ދެމިއޮތްހާ ހިނދަކު އެކަމާ ދެކޮޅަށް މަސައްކަތް ކުރާނެ ކަމަށާއި، ލުބުނާނުގެ ރައްޔިތުން ޝަހީދުކުރާ ނަމަ ޔަހޫދީ ދައުލަތުގެ ރަށްތަކަށް ވެސް ރައްކާތެރިކަމެއް ނޯންނާނެ ކަމުގެ އިންޒާރު އޭނާ ދެއްވިއެވެ.
މި ހަނގުރާމަ އިތުރަށް ހޫނުވެފައިވަނީ ފެބްރުއަރީ މަހުގެ ފަހުކޮޅު ޔަހޫދީންނާއި އެމެރިކާއިން ގުޅިގެން އީރާނަށް ޙަމަލާ ދިނުމާ ގުޅިގެން، ޙިޒްބުاللهއިން އީރާނަށް ވާގިވެރިވުމުގެ ގޮތުން މާރިޗު މަހު ޙަމަލާތައް ދޭން ފެށުމުންނެވެ. ޙަމަލާ ބަދަލުކުރުން މެދުކަނޑައިލުމަށް އެތައް ފަހަރެއްގެ މަތިން މަސައްކަތް ކުރެވުނު ނަމަވެސް، ޔަހޫދީ ދިފާޢީ ވަޒީރު އިސްރާއީލް ކެޓްޒް ވިދާޅުވީ ލުބުނާނަށް ދެމުންދާ ޙަމަލާތައް އަދިވެސް ކުރިއަށް ގެންދާނެ ކަމަށެވެ.
ޔަހޫދީންގެ މެދުކެނޑުމެއްނެތް ޙަމަލާތަކުގެ ސަބަބުން ލުބުނާނުގެ 1.2 މިލިޔަން މީހުންނަށް ވަނީ ގެދޮރު ދޫކޮށް ދާން މަޖުބޫރުވެފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ވެސް ޔަހޫދީންގެ ޙަމަލާތަކުގައި ލުބުނާނުގެ ގިނަ ބަޔަކު ވަނީ ޝަހީދުވެފައެވެ.




