ހެޔޮ ކަންކަމަށް އަމުރުކޮށް ނުބައި ކަންކަން ނަހީކުރުމުގައި ފަރުދީ ޒިންމާ ކޮންމެ ފަރުދަކު ވެސް އަދާކުރަން ޖެހޭ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
”ހެޔޮ ކަންތަކަށް އަމުރުކުރުމާއި މުންކަރާތްތައް ނަހީކުރުން“ މި މައުޞޫއަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު ދިން ހުތުބާގައި ބުނީ، މާތް ﷲއަށް އީމާންވުމާއި، ހެޔޮ ކަންތައްތަކުގައި އެއް ބަޔަކު އަނެއް ބަޔަކަށް އެހީތެރިވުމަކީ އިސްލާމްދީނުގެ މައިގަނޑު އަސާސްތަކުގެ ތެރޭގައި ހިމެނޭ ކަންކަން ކަމަށެވެ.
ހުތުބާގައި ފާހަގަކުރި ގޮތުގައި، މިއަދު ރާއްޖޭގެ އިޖުތިމާޢީ އަދި އަޚުލާޤީ ފޭރާމަށް ބަލާއިރު ރަނގަޅުކުރަންޖެހޭ ގިނަ ކަންތައްތަކެއް އެބަހުއްޓެވެ. ވަކީން ޚާއްޞަކޮށް މީސްތަކުންގެ ލެޔާއި، މުދަލާއި، އަބުރު ރައްކާތެރިކުރުމަށް ޓަކައި މަސައްކަތްތަކެއް ކުރާން ޖެހިފައިވާ ކަމަށާއި، މިފަދަ ކަންކަން ރަނގަޅުކުރެވޭނީ ހެޔޮ ކަންތައްތަކަށް އަމުރުކޮށް ނުބައިކަންތައްތައް ނަހީކުރުމުގެ އިޖުތިމާޢީ މަސްއޫލިއްޔަތު ދަމަހައްޓައިގެން ކަމަށް ހުތުބާގައި ބުންޏެވެ.
ކޮންމެ މީހަކަށް ވެސް އެ މީހަކަށް ކުޅަދާނަވީ މިންވަރަކުން މި ޒިންމާ އަދާކުރާން ޖެހޭނެކަން ބަޔާންކުރަމުން ހުތުބާގައި ކީރިތި ރަސޫލާގެ ހަދީޘެއްގެ މާނަ ގެނެސްދީފައިވެއެވެ. ”ތިޔަބައިމީހުން ކުރެ މީހަކަށް މުންކަރާތެއް ފެނިއްޖެ ނަމަ، ފަހެ އެ މީހެއްގެ އަތުން އެ ކަން މަނާކުރާށެވެ! އަތުން މަނާކުރުމުގެ ކުޅަދާނަކަން ނުލިބުނު މީހާ، ދުލުން އެ ކަން މަނާކުރާށެވެ! ދުލުން މަނާކުރުމުގެ ކުޅަދާނަކަން ނުލިބުނު މީހާ ހިތުން އެ ކަމަށް އިންކާރުކުރާށެވެ! މިއީ އީމާންކަމުގެ އެންމެ ދަށު ދަރަޖައެވެ.“
މުޖުތަމަޢުގައި ހިނގާ ނޭއްގާނީ ޢަމަލުތައް ހުއްޓުވުމަށް ކުރެވޭ ކޮންމެ މަސައްކަތަކީ، ތިމާގެ އަމިއްލަ މުދަލާއި، އަނބިދަރީންގެ ސަލާމަތަށް ޓަކައި ކުރެވޭ މަސައްކަތެއްގެ ގޮތުގައި ހުތުބާގައި ސިފަކުރިއެވެ. މިކަމުގެ މިސާލެއްގެ ގޮތުން ނަވެއްގައި ދަތުރުކުރާ ބައެއްގެ މިސާލު ޖައްސަވައި، ނަވުގެ އަޑީބައިގައި ތިބޭ ބަޔަކު ނަވުގެ އަޑިން ތަނެއް ފޫވައްޓާލަން އުޅޭއިރު އެކަން ނުހުއްޓުވައިފި ނަމަ މުޅި ނަވާއި އޭގައި ތިބި އެންމެން ހަލާކުވެދާނެކަން ހުތުބާގައި ބުންޏެވެ.
ހުތުބާ ނިންމާލަމުން ވަނީ ހަރުދަނާ އަޚުލާޤީ ޖީލެއް ބިނާކުރުމަށް ޓަކައި އެންމެން އަތުގުޅައިލުމަށް ގޮވާލާފައެވެ. މައިންބަފައިން ދަރީން ހެޔޮ ގޮތުގައި ތަރުބިޔަތުކުރުމަށާއި، މުދައްރިސުންނާއި އިލްމުވެރިން އެބޭފުޅުންގެ ޒިންމާ އަދާކުރުމަށާއި، މުޖުތަމަޢުގެ މަސްއޫލުވެރިން ޤައުމުގެ މަޞްލަޙަތު އިސްކުރުމަށް ހުތުބާގައި ބާރުއެޅިއެވެ.
މިގޮތަށް ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުން ލިބިއްޖެ ނަމަ، މުޖުތަމަޢަކީ އަމަންއަމާންކަމާއި ރައްކާތެރިކަން ލިބިފައިވާ ތަހުޒީބު ތަނަކަށް ވާނެ ކަމަށްވެސް ހުތުބާގައި ބުނެފައިވެއެވެ.




