މި މަހު ފަށާ ފީފާ ވޯލްޑް ކަޕްގެ ޓިކެޓް ގަތުމުގެ ސިސްޓަމުގައި ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން، ބައެއް ސަޕޯޓަރުންނަށް އެއްވެސް ފައިސާއެއް ދައްކަން ނުޖެހި ޓިކެޓް ދެވިފައިވާ ކަމަށް ފީފާއިން ބުނެފިއެވެ.
ފީފާއިން ބުނިގޮތުގައި، ޓިކެޓަށް ފައިސާ ދައްކާ މަރުހަލާގައި (ޗެކްއައުޓް ޕްރޮސެސް) ދިމާވި މައްސަލައަކާ ގުޅިގެން ގާތްގަނޑަކަށް 60 އެއްހާ ސަޕޯޓަރުންނަށް ވަނީ ހިލޭ ޓިކެޓް ލިބިފައެވެ.
މި މައްސަލަ ފެންމަތިވީ، ޓިކެޓަށް ފައިސާ ކެނޑިފައި ނުވި ނަމަވެސް، ޓިކެޓް ކާމިޔާބުކަމާއެކު ލިބިފައިވާ ކަމުގެ މެސެޖު ސަޕޯޓަރުންނަށް ލިބުމާ ގުޅިގެންނެވެ. ފީފާއިން މި މައްސަލަ ދިމާވި ސަޕޯޓަރުންނަށް މިހާރު ވަނީ އީމެއިލް މެދުވެރިކޮށް ޓިކެޓަށް ފައިސާ ދެއްކުމަށް ހަތް ދުވަހުގެ މުއްދަތެއް ދީފައެވެ. އަދި ކަނޑައެޅިފައިވާ މި މުއްދަތުގެ ތެރޭގައި ފައިސާ ނުދައްކައިފިނަމަ، އެ ފަރާތްތަކަށް ލިބިފައިވާ ޓިކެޓްތައް ބާތިލްވާނެ ކަމުގެ އިންޒާރުވެސް ފީފާއިން ވަނީ ދީފައެވެ.
އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ބޭއްވުމަށް ހަމަޖެހިފައިވާ 2026 ގެ ވޯލްޑް ކަޕަކީ 48 ޓީމު ވާދަކުރާ ފުރަތަމަ މުބާރާތަށް ވުމާއެކު، ޓިކެޓަށް އޮތް ޑިމާންޑް ވަނީ އިންތިހާއަށް ބޮޑުވެފައެވެ.



