ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ހިތަދޫ އުތުރު ދާއިރާ މެންބަރުކަމުގެ ބައި-އިލެކްޝަންގައި ވޯޓުލުން މިއަދު ހެނދުނު ފެށިގެން ކުރިއަށް އެބަދެއެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ)ން އާއްމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ހެނދުނު 9 ޖެހުމާ ހަމައަށް 280 މީހުން މިހާރު ވަނީ ވޯޓު ލާފައެވެ. އެއީ މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން 6.79 އިންސައްތަ މީހުންނެވެ.
އީސީން ބުނެފައިވަނީ، މި އިންތިހާބުގައި މިހާތަނަށް ވޯޓުލާފައިވަނީ 125 އަންހެނުންނާއި 155 ފިރިހެނުންނެވެ. މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު 4121 މީހަކަށް ލިބިފައިވާއިރު، އަދި މިއަދުގެ މިހާތަނަށް ވޯޓު ނުލާ 3841 (93.21 އިންސައްތަ މީހުން އެބަތިއްބެވެ.
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރައްވަނީ:
° ވެރިކަންކުރާ ޕީއެންސީގެ ކެންޑިޑޭޓް އަދި ކުރީގެ ކައުންސިލަރު އަހުމަދު ސައީދު (ސޮޑާ)
° އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް، އަދި އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ)
މި އިންތިހާބުގެ ވޯޓުލުން ކުރިއަށްދާނީ ހެނދުނު 8 އިން ފެށިގެން ހަވީރު 4 ޖަހަންދެނެވެ.
މި އިންތިހާބުގައި ބަހައްޓާފައިވަނީ:
° މާލޭގެ ދަރުމަވަންތަ ސްކޫލުގައި 2 ވޯޓު ފޮށި
° އައްޑޫގެ ހިތަދޫ ސްކޫލުގައި 5 ވޯޓު ފޮށި



