އެސްޓީއޯގެ ދަށުން ހިންގަމުން އަންނަ ބޭސް ފިހާރަތައް އަންނަ ޖުލައި މަހުގެ 1 ވަނަ ދުވަހު ދައުލަތުގެ ބޭސް ކުންފުނި، ސްޓޭޓް ފަރމާގެ ދަށަށް ބަދަލުވާނެ ކަމަށް އެކުންފުނިން ބުނެފިއެވެ.
ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަ ދައްކަވަމުން، ސަރުކާރުގެ ބޭސް ކުންފުނި، ސްޓޭޓް ފަރމަސޫޓިކަލްގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޝާހް މާހިރު ވަނީ އެ ކުންފުނިން މިހާރު ބޭސް ގެނައުމުގެ މަސައްކަތް ފަށާފައިވާކަން ހާމަކުރައްވާފައެވެ.
ދިވެހިރާއްޖެއަށް ބޭނުންވާ ބޭހުގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން އުފެއްދި ސްޓޭޓް ފާމަސޫޓިކަލް ކޮމްޕެނީން ވަނީ ބޭސް ގެނައުމާއި ރައްޔިތުންނަށް ބޭސް ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާފައެވެ. އެކުންފުނިން ވަނީ މިކަމަށް ޚާއްސަ ޕޯޓަލްއެއް ތަޢާރަފްކޮށް އެ ޕޯޓަލް މެދުވެރިކޮށް ބޭސް ސިޓީއަށް ގިނަވެގެން 2 ހަފްތާ ތެރޭގައި ބޭސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ފަށާފައެވެ.
ޑރ. ޝާހް ވިދާޅުވީ މިމަސައްކަތް ފެށިއިރު އެންމެ ބޮޑަށް ފާހަގަވީ ރާއްޖޭގައި ބޭހުގެ ސްޓޮކް ހުރި މިންވަރު ބޭލެނެ ރަނގަޅު ނިޒާމެއް ނެތްކަން ކަމަށެވެ. އެހެން ކަމުން ކުންފުނިން އެންމެ އިސްކަމެއް ދިނީ އެނިޒާމް ޤާއިމްކުރަން ކަމަށް އޭނާ ވިދާޅުވިއެވެ.
”އެހެންވީމަ އެއަށް ހައްލެ ގެނައުމަށް އަޅުގަނޑުމެން ސްޓޮކް ލައިވްކޮށް އެނގޭނެ ގޮތް (ހަދައިފިން) ރައްޔިތުންނަށް ފޯރުކޮށްދެވޭނެ. ފުރަތަމަ ކަމަކީ ސަރުކާރުގެ ހުރި ބޭހާއި ނެތް ބޭހާއި އެނގޭނެ ގޮތް، އެނގުން. ފާމަސީތަކުގައި ހުރީ ކޮން ބޭހެއްތޯ ކޮން ކުއަންޓިޓީއެއްތޯ ހުސްވަނީ. އެއީ ދުރާލާ އެނގިގެން ފޯކާސްޓް ހެދޭނެ ނިޒާމެއް މިގެންނަނީ، އެ ނިޒާމު އައުމުން ޕޯޓަލް ވިޒިބިލިޓީ ފެނިގެންދާނެ ހެލްތު މިނިސްްޓްރީއާއި ރެގިއުލޭޓަރީ އޮތޯރިޓީސްއަށް. “ ޑރ. ޝާހް ވިދާޅުވިއެވެ.
މިނިޒާމުގެ މަސައްކަތް ފުރިހަމަ ކުރެވި ނިމިގެންދާއިރު، ރައްޔިތުންނަށްވެސް ބޭސް ހުރި ފިހާރަތައް ބަލާލެވި ބޭހުގެ އަގު އެނގޭނެ ގޮތަށް ރައްޔިތުންނަށް ޚާއްސަ ޕޯޓަލެއް ލިބޭނެ ކަމަށް ޑރ. ޝާހް ވިދާޅުވިއެވެ.



