މަހަށް ނިކުތް މީހަކު ގެއްލިގެން ހޯދަމުން ދަނިކޮށް، މޫދު އަޑީގައި ނިޔާވެފައި އޮއްވައި މިއަދު ފެނިއްޖެއެވެ.
ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވަނީ، މަސްދޯންޏަކުން މަހަށް ނިކުތް މީހަކު ގެއްލިގެން އުޅޭ ކަމަށް ފަތިހު 05:40 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އޭނާ ހޯދުމަށް ކުރި މަސައްކަތުން ފެނުނީ މޫދު އަޑީގައި އޮއްވާ ކަމަށާއި އެ މީހާ ގދ. ގައްދުއަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ނަމަވެސް ގައްދޫ ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް އެމީހާ އޮތީ ނިޔާވެފައި ކަމަށް ސިއްހީ މަރުކަޒާ ހަވާލާދީ ފުލުހުން ބުންޏެވެ.
މި ހާދިސާގައި ނިޔާވެފައިވަނީ ގދ. ގައްދޫ، އޭޝިޔާ / އިސްހާޤު ރަޝީދު (44އ.) އެވެ.
މީގެކުރިން ވެސް ކަނޑުމަތީގެ މިފަދަ ހާދިސާތައް ހިނގާފައި އެބަހުއްޓެވެ. އަދި، މި ފަދަ ހާދިސާތަކުގައި މީހުންގެ ފުރާނަ ވެސް ގެއްލިފައި އެބަހުއްޓެވެ.



