ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މައްސަލަތަކެއްގައި ހައްޔަރުކުރި ބައެއް މީހުންނަކީ ގުރުއަތަކުން ހޮވިގެން ނަސީބުވެރިން ކަމަށް ބުނެ ބަޔަކު ރާއްޖެއަށް ފޮނުވި ބައެއް ކަމަށާއި އެ މީހުން ގެނައި ތަކެއްޗަކީ ރާއްޖެއަށް ވިއްކާ މުދަލެއްގެ ސާމްޕަލް ކަމަށް ބުނެ އެ މީހުންނާ ހަވާލުކުރި ތަކެތި ކަމަށް، އޭގެ މައްސަލައެއްގައި ހައްޔަރުކުރި މީހެއްގެ ވަކީލް ކޯޓުގައި ވިދާޅުވެއްޖެއެވެ.
މިހެން ބުނެފައި ވަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގައި މިދިޔަ މާރިޗު މަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކުރި ފަސް މީހުންގެ ތެރޭގައި ހިމެނޭ އިންޑިއާ މީހެއް ކަމަށްވާ ދަނޫޝްކާނދަން ބޯޕާލްގެ ވަކީލެވެ.
ހައްޔަރު ފަސް މީހުންގެ ތެރެއިން ހަތަރު މީހުންނަކީ އިންޑިއާ މީހުންނެވެ. ދެން ހިމެނެނީ ދިވެއްސެކެވެ. އޭގެ ތެރެއިން ތިން މީހެއްގެ އަތުން ހަ ކިލޯއަށްވުރެ ގިނަ ޑްރަގު ފެނިފައިވާ ކަމަށް ކުރިން ފުލުހުން ބުނެފައިވެއެވެ.
ބޯޕާލުގެ ބަންދަށް އިތުރު 45 ދުވަސް ދީ ކޯޓުން ނެރުނު އަމުރުގައި ވަކީލާ ހަވާލާދީ ބުނެފައިވަނީ އެއީ އޮޅުވާލުމެއްގެ ތެރެއިން މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމަށް ބަޔަކު ބޭނުންކުރި ބައެއް ކަމަށެވެ. ބޯޕާލް އަކީ ޔުނިވާސިޓީއެއްގައި ކިޔަވަމުން އަންނަ ޒުވާނެއް ކަމަށާއި ރާއްޖެ ގެނައީ ނަސީބުވެރިއަކަށް ގުރުއަތުން ހޮވިގެން ލިބުނު ފުރުސަތެއްގެ ގޮތުގައި ކަމަށެވެ.
އެ ތަކެތި ހަވާލުކުރީ ރާއްޖެއަށް ވިއްކަން ގެންނަ ސާމްޕަލްތަކެއްގެ ގޮތުގައި ކަމަށާއި އޭނާ ރާއްޖެ ފޮނުވި މީހުންގެ ތަފްސީލާއި ކަން ހިނގައި ދިޔަ ގޮތް ތަފްސީލުކޮށް ތަހުގީގަށް ކިޔައިދީފައި ވާނެ ކަމަށް ވަކީލު ބުނާ ކަމަށް އަމުރުގައިވެ އެވެ.
އެ ބާވަތުގެ އެހެން ކޭސްތަކެއް ވެސް ހިނގަމުންދާ ކަމަށް ދިފާއީ ވަކީލު ފާހަގަކޮށް ވިދާޅުވެފައި ވަނީ މިއީ ބަޔަކު ރާވައިގެން، މައުސޫމް ކުދިންތަކަކަށް އޮޅުވާލައިގެން އެ ކުދިން ބޭނުންކޮށްގެން ހިންގަމުންދާ އަމަލެއް ކަމަށެވެ.





1 Comment
ޙީވަނީ އަލަކަށް ނޫންހެން ތިކަމެއްކޮށްފަ ތިހިރީ ވ ބޮޑަށް ރޭވގެން ކޮށްފައިވާކަމަކާ ވައްތަރީ