ކޮންގޯގައި އެބޯލާ ޖެހިފައިވާ މީހުންގެ ޖުމްލަ އަދަދު 488 އަށް އަރައިފި ކަމަށް އެ ގައުމުން އިއްޔެ އިއުލާން ކޮށްފިއެވެ.
މީގެ ކުރިން އެ ގައުމުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެބޯލާގެ އައު ވައިރަހުގެ 452 ވޭދަނައެއް ފެނިފައިވާއިރު، އޭގެ ތެރޭގައި 86 މީހުން ވަނީ މަރުވެފައެވެ.
ކޮންގޯގެ އިތުރުން އަވަށްޓެރި ޔުގަންޑާއިން ވެސް މި ބަލި މިހާރު ވަނީ ފެނިފައެވެ. ޔުގަންޑާއިން 19 މީހަކު އެބޯލާއަށް ފައްސިވެފައިވާއިރު، އޭގެ ތެރެއިން ދެ މީހަކު ވަނީ މަރުވެފައެވެ. ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ޔުގަންޑާއިން ވަނީ ކޮންގޯއާ ގުޅޭ ހުޅަނގު ބޯޑަރު ބަންދުކޮށްފައެވެ.
އެމެރިކާގެ ސެންޓާ ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން ބުނެފައިވާ ގޮތުގައި، އެބޯލާގެ މި އައު ވައްތަރަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ބައިނަލްއަގްވާމީ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލެއްގެ ގޮތުގައި ކަނޑައަޅާފައިވާ ބައްޔެކެވެ. މިކަމަށް ސަމާލުވުމަށް ސީޑީސީން ވަނީ ދުނިޔޭގެ ގައުމުތަކަށް އިލްތިމާސްކޮށްފައެވެ.
މިހާރު ފެތުރެމުންދާ އެބޯލާގެ އައު ބާވަތަށް ކިޔަނީ ”ބުންޑިބުގިއޯ“ އެވެ. މަދުން ނޫނީ ނުފެންނަ މި ވައްތަރަށް މިހާތަނަށް އެއްވެސް ވެކްސިނެއް އުފެއްދިފައެއް ނުވެއެވެ.
ކަމާބެހޭ ފަރާތްތަކުން ހާމަކުރާ ގޮތުގައި މި ބަލި ޖެހޭ މީހުންގެ ތިންބައިކުޅަ އެއްބައި މީހުން މަރުވުމުގެ ފުރުސަތު އޮވެއެވެ.




