ރާއްޖޭގެ ފުޓްބޯޅައަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ބާއްވާ ޑައިމަންޑް ޖުބިލީ އިންޓަރނޭޝަނަލް ފުޓްބޯޅަ މުބާރާތުގައި، އަފްޣާނިސްތާން 2-0 އިން ބަލިކޮށް ޕާކިސްތާނުން ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފިއެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ކުޅުނު މި މެޗުން މޮޅުވެ ފައިނަލުގެ ޖާގައެއް ޕާކިސްތާނަށް ކަށަވަރުވީ ކުޅުނު ތިން މެޗުން ހަތް ޕޮއިންޓް ހޯދައިގެންނެވެ.
އެ ޓީމަށް ލީގު ބުރުގެ އެއްވަނަ ކަށަވަރުވިއިރު، ދެވަނައިގައި އޮތް އަފްޣާނިސްތާނަށް ތިން މެޗުން ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. ތިންވަނައިގައި އޮތް ބަންގްލަދޭޝްއަށް ދެ މެޗުން ދެ ޕޮއިންޓް ލިބިފައިވާއިރު، ފުލުގައި އޮތް ރާއްޖެއަށް އަދި މިހާތަނަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.
މި މެޗުގެ ފުރަތަމަ ލަނޑު ފަސްވަނަ މިނެޓުގައި އުމަރު ނަވާޒް ކާމިޔާބުކޮށްދިންއިރު، ދެވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ޖަހައިދިނީ ހާރޫން ހާމިދެވެ. މެޗުގެ ފަހުކޮޅު އަފްޣާނިސްތާނުގެ ކެޕްޓަން އޮމިދު ޕޮޕަލްޒޭ ރެފުރީއަށް ހަމަލާދިނުމާ ގުޅިގެން އޭނާއަށް ވަނީ ސީދާ ރަތް ކާޑެއް ދައްކާފައެވެ.
މިއީ 2015 ވަނަ އަހަރުގެ ފަހުން އަފްޣާނިސްތާން އަތުން ޕާކިސްތާން މޮޅުވި ފުރަތަމަ ފަހަރެވެ.
މުބާރާތުގެ ފައިނަލުގެ ފަހު ޖާގައަށް ވާދަކުރަނީ އަފްޣާނިސްތާނާއި ބަންގްލަދޭޝްއެވެ. މިރޭ 21:00 ގައި ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެގެން ބަންގްލަދޭޝްއަށް ފައިނަލުގެ ޖާގަ ކަށަވަރުކުރުމުގެ ފުރުސަތު އެބައޮތެވެ.




