ރާއްޖޭގެ ފުޓްބޯޅައަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ޑައިމަންޑް ޖުބިލީ އިންޓަރނޭޝަނަލް ފުޓްބޯޅަ މުބާރާތުގައި ރާއްޖެއާއި ބަންގްލަދޭޝް ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވުމާ ގުޅިގެން، މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ އަފްޣާނިސްތާނަށް ލިބިއްޖެއެވެ.
މި މުބާރާތުގެ ފައިނަލަށް ދަތުރުކުރީ ލީގު ބުރުގެ އެއްވަނަ ހޯދި ޕާކިސްތާނާއި ދެވަނަ ހޯދި އަފްޣާނިސްތާނެވެ.
މިރޭގެ މެޗުގައި ރާއްޖެއިން ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ 14 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން އަލީ ފާސިރު (ސެންޓޭ) އެވެ. މިއީ މި މުބާރާތުގައި ރާއްޖެއިން ޖެހި ފުރަތަމަ ލަނޑެވެ. ނަމަވެސް ދެވަނަ ހާފުގައި ބަންގްލަދޭޝްއަށް ލިބުނު ޕެނަލްޓީއަކުން މިރާޖުލް އިސްލާމް ވަނީ ނަތީޖާ އެއްވަރުކޮށްދީފައެވެ.
މި މުބާރާތް ރާއްޖެއިން ނިންމާލީ އެއްވެސް މެޗަކުން މޮޅުނުވެ، ތާވަލުގެ އެންމެ ފުލުގައި އޮވެގެންނެވެ. ރާއްޖެ ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން ބަލިވިއިރު، އެއް މެޗު ނިމުނީ އެއްވަރުވެގެންނެވެ.
ބަންގްލަދޭޝް މުބާރާތް ނިންމާލީ ތިންވަނައިގައި އޮވެގެންނެވެ.
މެޗުގެ ފަހު ވަގުތުކޮޅުގެ ތެރޭގައި ދަނޑުމަތީގައި ބޮޑު ހަމަނުޖެހުމެއް ހިނގައި، ބަންގްލަދޭޝްގެ ދެ ކުޅުންތެރިއަކަށް ރަތް ކާޑު ދެއްކިއެވެ. މި ހަމަނުޖެހުމުގައި ސަޕޯޓަރުންވެސް ބައިވެރިވިއިރު، މެޗު ނިންމާލީ ފުލުހުން ދަނޑަށް އަރައި ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށްފަހުއެވެ.
މުބާރާތުގެ ފައިނަލް މެޗުގައި ޕާކިސްތާނާއި އަފްޣާނިސްތާން ބައްދަލުކުރާނީ އަންނަ ބުދަ ދުވަހުގެރޭ 21:00 ގައެވެ.



