ފަލަސްޠީންގެ ޣައްޒާގައި ޙަމަލާތައް ހުއްޓައިލުމަށް މިދިޔަ އޮކްޓޯބަރު މަހު އަލުން ޢަމަލުކުރަން ފަށާފައިވާ އެއްބަސްވުމުގެ ދެވަނަ ފިޔަވަހީގެ މަޝްވަރާތައް މިޞްރުގެ ވެރިރަށް ޤާޙިރާގައި ފަށައިފިއެވެ.
މި މަޝްވަރާތައް ކުރިއަށްދަނީ ފަލަސްޠީނުގެ މަންދޫބުންނާއި، މިކަމުގައި މެދުވެރިއެއްގެ ދައުރު އަދާކުރާ ޤައުމުތަކުގެ މަންދޫބުންނާ އެކުގައެވެ.
ޙަމަލާތައް ހުއްޓައިލުމުގެ ދެވަނަ ފިޔަވަހި ތަންފީޒުކުރަން ފެށުމާ ގުޅޭގޮތުން ކުރިއަށްދާ މި ބައްދަލުވުންތަކުގައި މިޞްރު، ޤަތަރު އަދި ތުރުކީވިލާތުގެ މަންދޫބުން ބައިވެރިވެވަޑައިގަންނަވައެވެ. އަދި ފަލަސްޠީނު ތަމްޞީލުކުރާ ވަފްދުގައި، ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ މަންދޫބުން ވެސް މި މަޝަވަރާގައި ބައިވެރިވެވަޑައިގަންނަވައެވެ
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިސްވެ ހުށަހަޅުއްވާފައިވާ 20 ނުކުތާގެ މައްޗަށް އެކުލެވޭ މި އެއްބަސްވުމުގެ ފުރަތަމަ މަރުޙަލާގައި ހިމެނެނީ ޙަމާސްގެ ބެލުމުގެ ދަށުގައި ތިބި ޔަހޫދީ އަސީރުން މިނިވަންކުރުމާއި، ޣައްޒާގެ ސަރަޙައްދުތަކުން ޔަހޫދީ ސިފައިން ފޭބުމުގެ އިތުރުން ސުލްޙަ ބަލަހައްޓާނެ ބައިނަލްއަޤުވާމީ ފައުޖެއް ޤާއިމުކުރުމެވެ.
ނަމަވެސް، މި އެއްބަސްވުމަށް ޢަމަލުކުރަމުންދަނީ ނަމެއްގައެވެ. ސުލްޙައިގެ އެއްބަސްވުން އިޢުލާނުކުރި ފަހުން ވެސް ޔަހޫދީން ދަނީ ހުއްޓުމެއްނެތި ޣައްޒާގެ އެކި ސަރަޙައްދުތަކަށް ޙަމަލާތައްދީ، ފަލަސްޠީނުގެ މައުސޫމް ރައްޔިތުން ޝަހީދުކުރަމުންނެވެ. ޣައްޒާގެ ސިއްޙީ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، އެއްބަސްވުމަށް ޢަމަލުކުރަން ފެށި ފަހުންވެސް 960އަށް ވުރެ ގިނަ މީހުން ޝަހީދުކޮށް، 3,000އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްކޮށްލާފައެވެ.
މިހާރު ފަށާފައިވާ ދެވަނަ ފިޔަވަހީގެ މަޝްވަރާތަކުގެ ތެރޭގައި، ޣައްޒާގެ އިތުރު ސަރަޙައްދުތަކުން ޔަހޫދީ ސިފައިން ފަހަތަށް ޖެހުމާއި، ބައިނަލްއަޤުވާމީ އަމަން ބަލަހައްޓާ ފައުޖުގެ ބެލުމުގެ ދަށުން ޣައްޒާއަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުން ހިމެނެއެވެ. މީގެ އިތުރުން، ހަނގުރާމައިގައި ސުންނާފަތިވެފައިވާ ޣައްޒާ އަލުން ބިނާކުރުމަށް ބޭނުންވާ ސާމާނު އެތެރެކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުމަކީ ވެސް މި ފިޔަވަހީގެ މުހިންމު ބައެކެވެ.
2023ވަނަ އަހަރުގެ އޮކްޓޯބަރު 7ގައި ފެށި މި ހަމަލާތަކަށް ކޮންމެވެސް ވަރެއްގެ ހުއްޓުމެއް އައީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 10ވަނަ ދުވަހު ޢަމަލުކުރަން ފެށި އެއްބަސްވުމުގެ ދަށުންނެވެ.
ނަމަވެސް ދާއިމީ ސުލްޙައެއް ޤާއިމުކުރުމަށް ކުރާ މަސައްކަތްތަކަށް ޔަހޫދީންގެ މެދުކެނޑުމެއްނެތް ޙަމަލާތަކުގެ ސަބަބުން ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ.




