ޔަހޫދީ އިސްރާއީލު ސިފައިން ލުބުނާނަށް އެއްގަމު މަގުން ދޭން މަސައްކަތްކުރި ނުރައްކާތެރި ދެ ހަމަލާއެއް ހުއްޓުވާފައިވާ ކަމަށް ލުބުނާނުގެ ހިޒްބުالله ޖަމާއަތުން ހާމަކޮށްފިއެވެ.
މި ކުރިމަތިލުންތަކުގައި ހިޒްބުاللهއިން ވަނީ އިސްރާއީލުގެ އަސްކަރީ އުޅަނދުތަކަށާއި ސިފައިންނަށް އަމާޒުކޮށް ވަރުގަދަ ރައްދު ހަމަލާތަކެއް ދީފައެވެ.
ހިޒްބުاللهއިން ނެރުނު ބަޔާންތަކެއްގައި ބުނެފައިވަނީ، އެ ޖަމާއަތުން ޔަހޫދީންނަށް އަމާޒުކޮށް ދެކުނު ލުބުނާނުގައި ޖުމްލަ 19 ހަމަލާއެއް ދީފައިވާ ކަމަށެވެ. މި ހަމަލާތަކުގައި ޑްރޯންއާއި ރޮކެޓުގެ އިތުރުން އާޓިލަރީ ބޭނުންކޮށްފައިވާއިރު، އަމާޒުކޮށްފައިވަނީ ޔަހޫދީ ސިފައިންގެ ފައުޖުތަކަށާއި، އަސްކަރީ އުޅަނދުތަކުގެ އިތުރުން އެމީހުން ގާއިމުވެތިބި މަގާމުތަކަށެވެ.
ހިޒްބުاللهއިން ބުނި ގޮތުގައި، ޔަހޫދީ ސިފައިންގެ ފައުޖެއް ދެކުނު ލުބުނާނުގެ ކިފްރު ތަބްނީތުގެ ބޭރުގައި އޮންނަ މަޢުބަރް ސަރަހައްދަށް އެއްގަމު މަގުން ވަނުމަށް މަސައްކަތް ކުރަމުންދަނިކޮށް ވަނީ ދެނެގަނެފައެވެ. ޔަހޫދީން އެ ސަރަހައްދަށް ވަނުމަށް މަސައްކަތް ކުރީ ބަޑީގެ ހަމަލާތައް ދީ، ދުން ޖަހަމުން ކަމަށް އެ ޖަމާއަތުން ބުނެފައިވެއެވެ.
މި ހަމަލާ ހުއްޓުވުމަށް ހިޒްބުاللهއިން ބޭނުންކުރި އުކުޅަކީ ޔަހޫދީ ފައުޖު ވަކި ސަރަހައްދަކަށް ވަންނަންދެން ފުރުސަތު ދިނުމަށްފަހު، އެ ސަރަހައްދުގައި ދުރާލާ ތައްޔާރުކޮށްފައި ހުރި ގޮވާތަކެތި ގޮއްވާލުމެވެ. މި ވަރުގަދަ ހަމަލާތަކުގެ ސަބަބުން ޔަހޫދީ ސިފައިންނަށް ފަހަތަށް ޖެހެން މަޖުބޫރުވި ކަމަށް އެ ޖަމާއަތުން ބުނެއެވެ.
މީގެ އިތުރުން، ދެކުނު ލުބުނާނުގެ މަޖްދަލް ޒޫން ސަރަހައްދަށް ވެސް ޔަހޫދީ ސިފައިން އަރައިގަނެފައިވާ ކަމަށާއި، އެތަނުގައި ހިޒްބުاللهގެ މުޖާހިދުން ވަނީ ރޮކެޓު ބޭނުންކޮށްގެން ގިނަ އަދަދެއްގެ އަސްކަރީ އުޅަނދުތައް ސުންނާފަތި ކޮށްލާފައެވެ. އަދި އަލްނަބަޠިއްޔާގެ ޒައުޠަރު އަލް ޝަރްޤިއްޔާ ސަރަހައްދުގައި ހަރަކާތްތެރިވި ޔަހޫދީންގެ ޔާގީ އަސްކަރީ އުޅަނދަކަށް އަބާބީލް ޑްރޯންއެއް ބޭނުންކޮށްގެން ވަނީ ހަމަލާދީފައެވެ.
ހިޒްބުاللهއިން އިތުރަށް ހާމަކުރި ގޮތުގައި، ޠަލްޢަތުލް ޞަލްޙާއާއި ޠަލްޢަތުލް ހަމާމީސްގައި ހަރަކާތްތެރިވަމުންދިޔަ ޔަހޫދީ އަސްކަރީ އުޅަނދުތަކަކަށް ވެސް ޑްރޯން ހަމަލާތައް ދީ، ބޮޑެތި ގެއްލުންތަކެއް ވަނީ ދީފައެވެ.



