އަންނަ ސެޕްޓެމްބަރު މަހު އެމެރިކާގައި ބޭއްވުމަށް ހަމަޖެހިފައިވާ 15 އަހަރުން ދަށުގެ ރަމްޒީ ފުޓްބޯޅަ މުބާރާތް ފެށުމުގެ ގޮތުން، ފަލަސްތީނާއި އިސްރާއީލް ބައްދަލުކުރާ މެޗެއް ބޭއްވުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މަސައްކަތް ފަށައިފިއެވެ.
މި މުބާރާތަކީ ފީފާގެ ހުރިހާ މެންބަރު ގައުމުތަކަށް ބައިވެރިވެވޭ ގޮތަށް، ފުޓްބޯޅައިގެ ޒަރީއާއިން ދުނިޔޭގައި ސުލްހަ ގާއިމުކުރުމުގެ މަގުސަދުގައި ބާއްވާ މުބާރާތެކެވެ.
މީގެ ކުރިން ބޭއްވި ފީފާ ކޮންގްރެސްގައި ދެ ގައުމުގެ މަންދޫބުން ސަލާންކުރުވުމަށް ކުރި މަސައްކަތް ނާކާމިޔާބުވެފައިވީ ނަމަވެސް، އިންފަންޓީނޯ އަދިވެސް އުއްމީދު ކުރައްވަނީ މި މެޗު ބޭއްވޭނެ ކަމަށެވެ. އޭނާ ވިދާޅުވާ ގޮތުގައި ފީފާގެ ހުރިހާ މެންބަރުންނަކީވެސް ހަމަހަމަ ހައްގުތަކެއް ލިބިގެންވާ ބައެއް ކަމަށާއި، ކުޑަކުދިންނަށް އުއްމީދެއް ހޯދައިދިނުމަށް އެކުގައި މަސައްކަތް ކުރަންޖެހެއެވެ.
ނަމަވެސް، ފަލަސްތީނު ފުޓްބޯޅަ އެސޯސިއޭޝަނުން ވަނީ މިކަމާ ދެކޮޅު ހަދާފައެވެ. އެ އިދާރާއިން ބުނާ ގޮތުގައި އިސްރާއީލުން ހިންގާ ލާއިންސާނީ އަމަލުތަކާއި ގަތުލުއާންމުތައް ފޮރުވުމަށް މަސައްކަތްކުރާ ބަޔަކާ އެކު އެއްގަލަށް އެރުމަކީ ކުރެވޭނެ ކަމެއް ނޫނެވެ.
އެހެންކަމުން، ސިޔާސީ މަސްރަހު އޮތް ގޮތުން މިފަދަ މެޗެއް ބޭއްވުމަކީ ވަރަށް ނާދިރު ކަމެއް ކަމަށް ރިޕޯޓުތަކުން ފާހަގަކުރެއެވެ.



