ޔަހޫދީން އިސްތިޢުމާރުކޮށްފައިވާ ފަލަސްޠީނުގެ ހުޅަނގު އައްސޭރީގައި ހުރި ދެ މިސްކިތެއްގައި ޔަހޫދީ ވަޒަންވެރިން ހުޅުޖަހައި، އެ ދެ މިސްކިތުގެ ފާރުތަކުގައި ލިޔެ، ހުރުމަތް ކަނޑައިފިއެވެ.
މި ނިރުބަވެރި އަމަލު ހިންގާފައިވަނީ މިއަދުގެ ފަތިހުގެ ވަގުތެއްގައެވެ.
މަންޒަރު ދުށް މީހުންނާ ޙަވަލާދީ ތުރުކީވިލާތުގެ އަނަދޫލޫ ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ހުޅަނގު އައްސޭރީގައި ޤަވާޢިދާ ޚިލާފަށް ވަޒަންވެރިފައިވާ ޔަހޫދީންގެ ބައިގަނޑެއް ޖިލްޖީލިޔާ އަވަށަށް ވަދެގަނެ، އެތަނުގެ މިސްކިތުގައި ވަނީ އަލިފާން ރޯކޮށްފައެވެ. މި ޙަމަލާގައި އެ މިސްކިތުގެ އަންހެނުން ނަމާދު ކުރާ ބައި އަނދައި، ބޭރު ފާރުތަކަށް ބޮޑެތި ގެއްލުންތައް ލިބިފައިވެއެވެ.
މީގެ އިތުރުން، މަޒްރާޢުލްނޫބާނީ އަވަށަށް ވެސް ޔަހޫދީ ވަޒަންވެރިން ވަދެގަނެ، އެ އަވަށުގެ މިސްކިތެއްގައި ވަނީ ރޯކޮށްލާފައެވެ. މި ދެ މިސްކިތުގެ ފާރުތަކުގައި ވެސް ޔަހޫދީންގެ ޝިޢާރުތައް ލިޔެ ވަނީ މިސްކިތްތަކުގެ ޙުރުމަތް ކަނޑާލައިފައެވެ.
ޖިލްޖީލިޔާގައި ފަހަކަށް އައިސް މިފަދަ ޙަމަލާތައް އިތުރުވެފައިވާއިރު، މިދިޔަ މަހު ވެސް ޔަހޫދީން ވަނީ އެ އަވަށުން ޕިކަޕެއް ވަގަށް ނަގާފައެވެ.
ޔަހޫދީން އިސްތިޢުމާރުކޮށްފައިވާ ހުޅަނގު އައްސޭރީގައި ފަލަސްޠީނުގެ ރައްޔިތުންނާއި އެ މީހުންގެ މުދަލަށް ޔަހޫދީ ސިފައިންނާއި ވަޒަންވެރިން ދޭ ޙަމަލާތައް ދަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ. ޚާއްސަކޮށް، 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ޣައްޒާއާ ދެކޮޅަށް ފެށި ހަނގުރާމައަށްފަހު، ފަލަސްޠީނުގެ ދަނޑުވެރިންގެ ދަނޑުބިންތަކުގައި އަލިފާން ރޯކުރުމާއި ބިންތައް ފޭރިގަތުން ފަދަ ލާއިންސާނީ އަމަލުތައް ވަނީ އިންތިހާއަށް އިތުރުވެފައެވެ.
ފަލަސްޠީނުގެ ރަސްމީ ހިސާބުތަކުން ދައްކާ ގޮތުގައި، ޣައްޒާ ހަނގުރާމަ ފެށުނު ފަހުން ހުޅަނގު އައްސޭރީގައި އެކަނިވެސް ޔަހޫދީން ވަނީ 1,169 މީހުން ޝަހީދުކޮށްލައި، 12,666 މީހުން ޒަޚަމްކޮށްލާފައެވެ.
މީގެ އިތުރުން ގާތްގަނޑަކަށް 23,000 މީހުން ހައްޔަރުކޮށް، 33,000 މީހުންގެ ގެދޮރު ވަނީ ސުންނާފަތިކޮށްލާފައެވެ.



