އިސްރާއީލުގެ އަމަލުތަކާ ގުޅޭ ގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަލުން ފާޑުވިދާޅުވެފައި ވަނިކޮށް، އިސްރާއީލުގެ ސިފައިން ލުބުނާނުގެ ދެކުނުގެ ސަރަހައްދުތަކަށް އަނެއްކާވެސް އާ ހަމަލާތަކެއް ދީފިއެވެ.
ލުބުނާނުގެ ދައުލަތުގެ މީޑިއާ، ނޭޝަނަލް ނިއުސް އެޖެންސީ (އެންއެންއޭ) އިން ބުނި ގޮތުގައި، ބުދަ ދުވަހު އިސްރާއީލުގެ ހަނގުރާމަމަތީ ބޯޓުތަކުން ވަނީ ނަބަޓިއޭ އަލް-ފައުގާ ސަރަހައްދަށާއި ކަފްރް ތެބްނިިޓްގެ ބޭރުގެ ސަރަހައްދުތަކަށް އަމާޒުކޮށް ހަމަލާތަކެއް ދީފައެވެ.
މި ހަމަލާތަކާ ގުޅޭ ގޮތުން އިސްރާއީލުގެ އަސްކަރިއްޔާއިން އަދި ރަސްމީކޮށް އެއްޗެއް ބުނެފައި ނުވި ނަމަވެސް، މީގެ ކުރިން އެ ގައުމުން ބުނެފައިވަނީ ހަމަލާތައް އަމާޒުކުރަނީ އީރާނާ ގާތް ގުޅުމެއް އޮންނަ ހިޒްބުالله ޖަމާއަތުގެ އަމާޒުތަކަށް ކަމަށެވެ. މި ހަމަލާތައް ދީފައި މިވަނީ ހަނގުރާމަ ހުއްޓާލުމަށް އެމެރިކާ އާއި އީރާނާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ވާހަކަތައް ދެކެވެމުންދާ ދަނޑިވަޅެއްގައެވެ.
ފްރާންސްގައި ބޭއްވި ޖީ7 ސަމިޓުގައި ވާހަކަދައްކަވަމުން ރައީސް ޓްރަމްޕް ވަނީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް އަމާޒުކުރައްވާފައެވެ. ޓްރަމްޕް ވިދާޅުވީ ލުބުނާނާ މެދު އަމަލުކުރުމުގައި ނަތަންޔާހޫ މިއަށްވުރެ ޒިންމާދާރުވާން ޖެހޭ ކަމަށާއި، އިސްރާއީލުން ހިޒްބުالله އާ ހަނގުރާމަކުރާތާ މާ ގިނަ ދުވަސްވެ، މާ ގިނަ ބަޔަކު މަރުވަމުންދާ ކަމަށެވެ.
އިސްރާއީލަށް އޮތް އެމެރިކާގެ އެހީތެރިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އެމެރިކާއާ ނުލައި އިސްރާއީލެއް ނޯންނާނެ ކަމަށެވެ. އަދި އެހެން އެއްވެސް ރައީސަކު ކުރަން ބޭނުންނުވި ކަންތައްތައް އޭނާ ކޮށްދީފައި ވާތީ، އޭނާއާ ނުލައިވެސް އިސްރާއީލެއް ނޯންނާނެ ކަމަށް ޓްރަމްޕް ފާހަގަކުރެއްވިއެވެ. ނަމަވެސް ނަތަންޔާހޫ ހޯމަ ދުވަހު ވިދާޅުވެފައިވަނީ ބޭނުންވާހާ ދުވަހަކު އިސްރާއީލު ސިފައިން ލުބުނާނުގައި ތިބޭނެ ކަމަށެވެ.
މި މައްސަލައިގައި އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ވަނީ އިންޒާރު ދެއްވާފައެވެ. އޭނާ ވިދާޅުވީ ލުބުނާނަށް އިސްރާއީލުން ދޭ ކޮންމެ ހަމަލާއެއް ނުވަތަ ލުބުނާނުގެ ބިމުގައި އިސްރާއީލުގެ އަސްކަރިއްޔާ ދެމިއޮތުމަކީ އެމެރިކާއާއެކު ވެފައިވާ ވަގުތީ އެއްބަސްވުމާ ހިލާފުވުން ކަމަށް ބަލާނެ ކަމަށެވެ.
މި އެއްބަސްވުމުގައި މެދުވެރިއެއްގެ ދައުރު އަދާކުރި ޕާކިސްތާނުން ބުނެފައިވަނީ މި އެއްބަސްވުމުގެ ތެރޭގައި ލުބުނާނުވެސް ހިމެނޭ ކަމަށެވެ.



