އައްޑޫ ސިޓީގައި ޕެރަމެޑިކްސް އެމްބިއުލާންސްގެ ޚިދުމަތް މިއަހަރުގެ ތެރޭގައި ފެށުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާކަމަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގެ ސީއީއޯ ޑރ. އަޙްމަދު އަދީލް ނަސީރު ވިދާޅުވެއްޖެއެވެ.
ސީއީއޯ ވިދާޅުވީ މި ޚިދުމަތަށް ބޭނުންވާ މުވައްޒަފުން ރެކްރޫޓްކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.
ރާއްޖޭގެ އެންމެ ދިގު ލިންކް ރޯޑާއެކު އައްޑޫގައި ނުރައްކާތެރި އެކްސިޑެންޓުތައް ހިނގުން އާންމުވެފައިވާއިރު، މިފަދަ ހާދިސާތަކުގައި އަނިޔާވާ މީހުންނަށް ކުއްލި ފަރުވާ ދިނުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރަނީ އެމްބިއުލާންސްގެ ޚިދުމަތެވެ. ނަމަވެސް، އައްޑޫގެ އާބާދީ ބޮޑުވެފައި އެކްސިޑެންޓުތައް ގިނަ ނަމަވެސް، މިހާތަނަށް އެކަށީގެންވާ ޕެރަމެޑިކްސް ޚިދުމަތެއް އެ ސިޓީގައި ގާއިމުކުރެވިފައެއް ނުވެއެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމް ނިއުސްގެ ”ދުވެލި“ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޑރ. އަދީލް ވިދާޅުވީ، ޕެރަމެޑިކްސް ނެތުމުގެ ސަބަބުން މިހާރު އެކްސިޑެންޓުތައް ހިނގާ ސީންތަކަށް ފޮނުވަންޖެހެނީ ނަރުހުން ކަމަށެވެ. އެހެންނަމަވެސް، އޭއީއެޗްއާއި ގުޅިފައިވާ ސިއްޙީ މަރުކަޒުތަކުގެ ތެރެއިން ހަރުދަނާ ނިޒާމެއްގެ ދަށުން މިހާރުވެސް އަވަސް ފަރުވާ ފޯރުކޮށްދެމުންދާކަން އަދީލް ފާހަގަކުރެއްވިއެވެ.
”އަޅުގަނޑުމެންގެ މިއޮންނަ ނިޒާމުގެ ތެރެއިން ކޯލް ސެންޓަރ މެދުވެރިކޮށް ގުޅާލުމުން ފޭދޫގައި އެކްސިޑެންޓު ހިނގައިފިނަމަ ފޭދޫ ހެލްތު ސެންޓަރުގެ އެމްބިއުލާންސްދާނެ އަދި ހަމައެގޮތަށް މަރަދޫގައިވެސް. މިހާރުވެސް ވަރަށް އަވަހަށް ގިނަ އެކްސިޑެންޓުތަކުގައި އަޅުގަނޑުމެންގެ މުވައްޒަފުންދާނެ.“ ސީއީއޯ ވިދާޅުވިއެވެ.
އެމްބިއުލާންސްގެ ޚިދުމަތް އިތުރަށް ތަރައްޤީކުރުމަށްޓަކައި ޕެރަމެޑިކްސްގެ ގޮތުގައި މަސައްކަތްކުރާނެ ފަރާތްތަކާއި އެމަޖެންސީ ޓެކްނީޝަނުން ހޯދުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށް ހޮސްޕިޓަލުން ބުނެއެވެ.
މީގެ އިތުރުން، އައްޑޫގައި ޚާއްޞަ އެމްބިއުލާންސް ކޮމްޕްލެކްސްއެއް ތަރައްޤީކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.



