ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގެ ދެވަނަ މެޗުގައި ބްރެޒިލުން ހެއިޓީއާ ދެކޮޅަށް ކުޅޭ މެޗުގައި ވެސް އެޓީމުގެ ތަރި ނޭމާއަށް ނުކުޅެވޭނެ ކަމަށް ބްރެޒިލްގެ ފުޓްބޯޅަ އިދާރާއިން ހާމަކޮށްފި އެވެ.
އެ އިދާރާއިން ބުނިގޮތުގައި، މި މެޗު ކުޅުމަށް ބްރެޒިލް ޓީމު އެމެރިކާގެ ފިލަޑެލްފިއާއަށް ދަތުރުކުރާއިރު، ނޭމާ ޓީމާއެކު ނުދާނެއެވެ. އޭގެ ބަދަލުގައި އޭނާ މަޑުކުރާނީ އަނިޔާއިން ރަނގަޅުވުމުގެ އެންމެ ފަހު މަރުހަލާ ފުރިހަމަކުރުމަށްޓަކައި ނިއު ޖާޒީގައެވެ.
އުމުރުން 34 އަހަރުގެ ނޭމާ، އަނިޔާއިން ރަނގަޅުވެ މިދިޔަ އަންގާރަ ދުވަހު ފަރިތަކުރުންތަކަށް ނިކުތް ނަމަވެސް، އޭނާ އަދި ޓީމާއެކު ފުލް ޕްރެކްޓިސް ސެޝަނެއް ފުރިހަމަކޮށްފައެއް ނުވެއެވެ.
ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި މޮރޮކޯއާ ބައްދަލުކޮށް 1-1 އިން އެއްވަރުވެފައިވާ ބްރެޒިލް ޓީމުގެ ކޯޗު ކާލޯ އެންޗެލޯޓީ ބުނެފައިވަނީ، ވޯލްޑް ކަޕް ސްކޮޑަށް ނޭމާ ނެގީ ހަމައެކަނި އޭނާގެ ކުޅުމުގެ ފެންވަރަށް ބަލާފައި ނޫން ކަމަށެވެ. އަދި ޓީމުގައި ހިމެނޭ ޒުވާން ކުޅުންތެރިންނަށް ނޭމާގެ ތަޖުރިބާ މުހިއްމުވާނެތީ އެކަމަށް ވެސް ވިސްނާފައިވާނެ ކަމަށް ކޯޗު ބުންޏެވެ.
ގްރޫޕް ”ސީ“ ގައި ހިމެނޭ ބްރެޒިލް އާއި ހެއިޓީ ބައްދަލުކުރާ މި މެޗު ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖޭ ގަޑިން މާދަމާ ފަތިހު 5:30 ގައެވެ.



