އިސްރާއީލުން ލުބުނާނަށް ދެމުންދާ ހަމަލާތަކާއި އެ ސަރަހައްދުގައި އެމެރިކާގެ އަސްކަރީ ހަރަކާތްތައް އިތުރުވުމާ ގުޅިގެން، އީރާނުން އަނެއްކާވެސް ސްޓްރެޓީޖިކް ގޮތުން ހޮރްމޫޒު ކަނޑުއޮޅި ބަންދުކުރިކަން މިއަދު އިއުލާންކޮށްފިއެވެ.
އީރާނުން މި ފިޔަވަޅު އެޅީ ނިއުކްލިއާ މަޝްވަރާތަކުގައި ބައިވެރިވުމަށް ސްވިޒަލޭންޑަށް ދިއުމުގެ ބަދަލުގައެވެ.
އިސްލާމިކް ރެވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން ބުދަ ދުވަހު ސޮއިކުރެއްވި މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ) އާ އެމެރިކާ އިން ޚިލާފުވެފައިވާ ކަމަށެވެ.
މިކަމުގެ ސަބަބުން ކަނޑުއޮޅި ބަންދުކުރަން މަޖުބޫރުވީ ކަމަށް އީރާނުން ބުނެއެވެ.
އައިއާރުޖީސީގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ”އިސްރާއީލް ލުބުނާނުން ފޭބުމާއި، ކަނޑުގެ ހިސޯރު އެއްކޮށް އުވާލުމާއި ޕާޝިއަން ގަލްފާއި އެ ސަރަހައްދުން އެމެރިކާގެ ޓެރަރިސްޓް ފައުޖުތައް ބޭލުމަކީ އީރާނާއި އެމެރިކާއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ މައިގަނޑު ޝަރުތުތަކުގެ ތެރޭގައި ހިމެނޭ ކަންކަން ކަމަށެވެ. އަދި މި ޝަރުތުތައް ފުރިހަމަ ވަންދެން ހޮރްމޫޒު ކަނޑުއޮޅި ބަންދުކޮށްފައި ބެހެއްޓޭނެ ކަމަށްވެސް އެ ބަޔާނުގައިވެއެވެ.
ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރަށް އިންޒާރު ދެމުން އީރާނުން ބުނެފައިވަނީ، ހުރިހާ އުޅަނދުފަހަރުގެ ސަލާމަތަށްޓަކައި ހޮރްމޫޒު ކައިރި ނުވުމަށް އެދޭ ކަމަށެވެ. އަދި މި އެންގުމާ ހިލާފުވާ ކޮންމެ އުޅަނދަކަށް ހަމަލާ ދެވޭނެ ކަމުގެ އިންޒާރުވެސް ވަނީ ދީފައެވެ.
މި ނިންމުން އައިސްފައިވަނީ، މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން އެމެރިކާ އިން އީރާނާ ދެކޮޅަށް ކުރިމަތިކުރި ކަނޑުގެ ހިސާރު ރޭގެ ދަންވަރުގެ ވަގުތެއްގައި އުވާލިކަން އިއުލާންކޮށްފައި ވަނިކޮށެވެ. އެމެރިކާގެ އަސްކަރިއްޔާ އިން ބުނެފައިވަނީ އީރާނުގެ ބަނދަރުތަކަށް ވަދެ ނުކުމެވާ އުޅަނދުފަހަރަށް ހުރަސް ނާޅާނެ ކަމަށެވެ.
ނަމަވެސް، އެމެރިކާގެ އަސްކަރިއްޔާ އިން ބުނެފައިވަނީ އީރާނާ އެކު ވެފައިވާ އެއްބަސްވުމުގެ ހުރިހާ ކަމަކަށް އަމަލުކުރޭތޯ ބެލުމަށް އެމެރިކާގެ ކަނޑުގެ އުޅަނދުފަހަރު އެ ސަރަހައްދުގައި ދެމިތިބޭނެ ކަމަށެވެ.
މިއީ އީރާނުން ނުރުހުން ފާޅުކުރާ މައިގަނޑު އެއް ސަބަބެވެ.



