ފުޓްބޯޅައިގެ އެންމެ ބޮޑު މުބާރާތް ކަމަށްވާ ފީފާ ވޯލްޑް ކަޕްގެ ތާރީޚުގެ ތެރެއިން މުޅިން އައު ބާބެއް މިވަނީ ލިޔެވިފައެވެ.
އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި މިހާރު ފޯރިއާއެކު ކުރިއަށްދާ 2026 ވަނަ އަހަރުގެ މުބާރާތުގެ ތެރެއިން، މިދިޔަ ބުރާސްފަތި ދުވަހު ވަނީ މީގެ ކުރިން ދުވަހަކުވެސް ފިރިހެނުންގެ ވޯލްޑް ކަޕެއްގައި ފެނިފައިނުވާ ފަދަ ތާރީޚީ މަންޒަރެއް ދުނިޔެއަށް ދައްކާލާފައެވެ.
އެއީ މެޗެއްގެ އިންސާފު ގާއިމުކުރުމުގެ މުޅި ޒިންމާ ހުސް އަންހެން ރެފުރީން އެކުލެވޭ ޓީމަކާ ހަވާލުކުރުމެވެ.
އެޓްލާންޓާގައި ކުޅުނު ގްރޫޕް އޭގެ ޗެކިއާ އާއި ދެކުނު އެފްރިކާ ބައްދަލުކުރި ފޯރިގަދަ މެޗު ކޮންޓްރޯލް ކުރީ އެމެރިކާއަށް ނިސްބަތްވާ ތިން އަންހެން ރެފުރީންނެވެ. މި މެޗުގެ މެޗު ރެފުރީއަކީ ޓޯރީ ޕެންސޯއެވެ. އަދި އޭނާއަށް އެހީތެރިވުމުގައި ލައިންސްމަނުންގެ ގޮތުގައި ތިބީ ބްރޫކް މޭޔޯ އާއި ކެތުރިން ނެސްބިޓްއެވެ. މިއީ މި ތިން އޮފިޝަލުން އެކުގައި ބައިނަލްއަގުވާމީ މިފަދަ ބޮޑު މުބާރާތަކުން ފެނުނު ފުރަތަމަ ފަހަރު ނަމަވެސް، މިއީ އެމީހުން އެކުގައި ހޯދި ފުރަތަމަ ކާމިޔާބީއެއް ނޫނެވެ.
މީގެ ކުރިން 2025 ވަނަ އަހަރު ބޭއްވި ”ލަމާ ހަންޓް ޔޫއެސް އޯޕަން ކަޕް“ ގެ ފައިނަލްގައި އޮސްޓިން އެފްސީ އާއި ނޭޝްވިލް އެސްސީ ވާދަކުރި މެޗުގައި އިންސާފުކޮށް، އެ މުބާމާރާތުގެ ފައިނަލެއްގައި އިންސާފުކުރި ފުރަތަމަ އަންހެން ރެފުރީންގެ ޝަރަފުވެސް މި ޓީމުން ވަނީ ހޯދާފައެވެ.
މީގެ ކުރިން 2022 ވަނަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑް ކަޕްގެ ޖަރުމަނާއި ކޮސްޓްރިކާ މެޗުން އެންމެ ފުރަތަމަ އަންހެން ރެފުރީއަކު ފެނުނު ނަމަވެސް، މުޅި ރެފުރީ ޓީމު ހުސް އަންހެނުންނަށް ބަދަލުވެގެން ދިޔައީ މިފަހަރުއެވެ.
މެޗު ފެށުމުގެ ކުރިން، ފިރިހެނުންގެ މިފަދަ ވަރުގަދަ މެޗެއް ހަމައެކަނި އަންހެން ރެފުރީންނަށް ކޮންޓްރޯލް ކުރެވިދާނެތޯ ބުނެ ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ޝައްކު އުފެއްދިއެވެ. ނަމަވެސް، މެޗުގެ ތެރޭގައި ދިމާވި ބޮޑެތި އަދި އުނދަގޫ ނިންމުންތައް ނިންމުމުގައި ޓޯރީ ޕެންސޯ އާއި އޭނާގެ ޓީމުން ދެއްކި ސާބިތުކަމާއި ހިތްވަރުގެ ސަބަބުން، ކުރިން ފާޑުކީ މީހުންގެ ވިސްނުން ބަދަލުވެ، މުޅި ސޯޝަލް މީޑިއާގައި މިހާރު ދަނީ އެމީހުންގެ ގާބިލުކަމަށް ތައުރީފު ކުރަމުންނެވެ.
މި ތާރީޚީ ފުރުސަތާ ބެހޭގޮތުން ވާހަކަދައްކަމުން އެސިސްޓަންޓް ރެފުރީ ބްރޫކް މޭޔޯ ބުނީ، މިއީ އެތައް އަހަރެއްގެ ބުރަ މަސައްކަތާއި، ޖިސްމާނީ ގޮތުން ހެދި ހަރުދަނާ ތަމްރީނުތަކާއި، އަދި އާއިލާއާ ދުރުގައި ވީ ބޮޑެތި ގުރުބާނީތަކުގެ ނަތީޖާ ކަމަށެވެ. އަދި ޔޫއެސް ސޮކަރ އާއި ކޮންކާކަފް ތަމްސީލުކޮށް، ދުނިޔޭގެ އެންމެ މަތީ ފަންތީގައި ހުނަރު ދައްކާލަން ލިބުމަކީ ލިބުނު ބޮޑު އުފަލެއް ކަމަށް އޭނާ ފާހަގަކުރިއެވެ.
މޭޔޯ އިތުރަށް ބުނިގޮތުގައި، މިއީ ހަމައެކަނި އެމީހުންގެ އަމިއްލަ ނަފްސު ތަމްސީލުކުރުމެއް ނޫނެވެ. ބުރަ މަސައްކަތް ކުރަން ތައްޔާރަށް ހުރި ނަމަ، ހުވަފެންތައް ހަގީގަތަކަށް ހެދުމަށް އެއްވެސް ހުރަހެއް ނެތްކަން މިއަދު މިވަނީ ސާބިތުވެފައެވެ.
ފަހަކަށް އައިސް ފީފާއިން ވަނީ އަންހެން އޮފިޝަލުންނަށް ފިރިހެނުންގެ ބޮޑެތި މުބާރާތްތަކުން ފުރުސަތު ދޭން ފަށާފައެވެ.



