ޤަޠަރާއި ޕާކިސްތާނުގެ ބައިވެރިވުމާއެކު އެމެރިކާއާއި އީރާންއާ ދެމެދު ޞުލްޙައިގެ މަޝްވަރާތައް ރަސްމީކޮށް ފަށާފައިވާ ކަމަށް ޤަޠަރުން އިޢުލާނުކޮށްފިއެވެ.
ސްވިޒަލެންޑުގައި ކުރިއަށްދާ މި މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި އިސްކަންދެނީ މެދުއިރުމަތީގެ ހަނގުރާމަ ހުއްޓައިލުމަށްޓަކައި ދެ ޤައުމުގެ ދެމެދުގައި މިދިޔަ ހަފްތާގައި ސޮއިކުރި އިބްތިދާޢީ ސުލްޙައިގެ އެއްބަސްވުން ތަންފީޛުކުރުމާ ގުޅޭ ކަންކަމަށެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އީރާންގެ ރައީސް މަސްޢޫދު ޕެޒެޝްކިއަން ސޮއިކުރެއްވި އިބުތިދާއީ އެއްބަސްވުމުގެ ދަށުން 60 ދުވަހުގެ މުއްދަތަކަށް ޙަމަލާ ބަދަލުކުރުން މެދުކަނޑައިލުމަށް ވަނީ އެއްބަސްވެފައެވެ. މި މަޝްވަރާތަކުގައި ބައިވެރިވުމަށް ދެ ޤައުމުގެ އިސް މަންދޫބުން މިހާރު ވަނީ ސްވިޒަލެންޑަށް ވަޑައިގެންފައެވެ.
އީރާންގެ ފަރާތުން އެ ޤައުމުގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސް މުޙައްމަދު ބާޤިރު ޤާލީބާފްއާއި ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤްޗީ ބައިވެރިވެވަޑައިގަންނަވާއިރު، އެމެރިކާގެ ފަރާތުން ނައިބު ރައީސް ޖޭޑީ ވާންސްއާއެކު ޓްރަމްޕްގެ މަންދޫބު ސްޓީވް ވިޓްކޮފް އަދި ޖަރެޑް ކުޝްނަރ ބައިވެރިވެވަޑައިގަންނަވައެވެ.
ޤަޠަރުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު މާޖިދު އަލްއަންޞާރީ ވިދާޅުވީ، އިބްތިދާޢީ އެއްބަސްވުމުގައިވާ ހުރިހާ މާއްދާތަކެއް ހިމެނޭހެން ރަސްމީ އެއްބަސްވުމެއް އެކުލަވާލުމަށްޓަކައި ޚާއްޞަ ފަންނީ މަސައްކަތު ގްރޫޕްތަކެއް މިހާރު އުފައްދާފައިވާ ކަމަށެވެ. މީގެ އިތުރުން، އެއްބަސްވުން ތަންފީޛުކުރުމުގެ ކަންކަން ބެލެހެއްޓުމަށް ވެސް ވަކި ގްރޫޕުތަކެއް ވަނީ ކަނޑައަޅާފައެވެ.
މަޝްވަރާތައް ވިލަރެސްކުރުމުގައި ޤަޠަރުން ޕާކިސްތާނާއި ކަމާ ގުޅުންހުރި އެހެން ފަރާތްތަކާއެކު ގާތުން މަސައްކަތް ކުރަމުންދާނެ ކަމަށް އަންޞާރީ ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ ޤަޠަރުގެ އަމާޒަކީ މަޝްވަރާތަކުގެ ނަތީޖާ ޙާޞިލް ކުރެވޭނެ ފަދަ މާހައުލެއް ދެމެހެއްޓުން ކަމަށެވެ.
އަންޞާރީ ވަނީ ޕާކިސްތާނު، ތުރުކީވިލާތް، ސަޢުދީ ޢަރަބިއްޔާ، މިޞްރު އަދި އެކުވެރި ޢަރަބި އިމާރާތް ފަދަ ޤައުމުތަކުން މި ޞުލްޙައިގެ މަސައްކަތަށް ދެމުންދާ އެއްބާރުލުން ފާހަގަކުރައްވައި އެ ޤައުމުތަކަށް ޝުކުރު ޢަދާކުރައްވާފައެވެ.




