ހޫނު ގަދަވުމުގެ ސަބަބުން ދެ ކުޑަކުދިން ހިމެނޭހެން ފްރާންސްގައި 18 މީހުން މަރުވެއްޖެ އެވެ.
ރިޕޯޓުތައް ބުނާ ގޮތުން ހޯމަ ދުވަހު ޔޫރަޕްގެ ގިނަ ސަރަހައްދުތަކެއްގެ ހޫނުމިން ވަނީ އާދަޔާހިލާފަށް އުފުލިފައެވެ.
މިކަމާ ގުޅިގެން ފްރާންސްގެ ސްކޫލްތައް ބަންދުކޮށް ނުވަތަ ކިޔަވައިދޭ ގަޑިތަކަށް ބަދަލު ގެނެސްފައިވާއިރު، އިނގިރޭސިވިލާތުގެ މޫސުމާ ބެހޭ އިދާރާތަކުން ލަފާކުރާ ގޮތުގައި މި ހަފުތާއަކީ އެ ގައުމުގައި ޖޫން މަހެއްގައި މިހާތަނަށް އެންމެ ހޫނުގަދަވި ދުވަސްތަކަށް ވުމަކީ އެކަށީގެންވާ ކަމެކެވެ.
ފްރާންސްގެ ބޯޑޯގެ ހޫނުމިން 41.9 ޑިގްރީ ސެލްސިއަސް އަށް އުފުލި، މިދިޔަ އޮގަސްޓް މަހު ގާއިމުކުރި ރެކޯޑް ވަނީ މުގުރާލާފަ އެވެ. އަދި ފްރާންސްގެ މެދުތެރޭގެ ޕޮއިޓިއާސްގެ ފިނިހޫނުމިން 41.2 ޑިގްރީ ސެލްސިއަސް އަށް އުފުލިފައިވާ އިރު، މިއީ 1947 ވަނަ އަހަރު އެ ސަރަހައްދުން ރެކޯޑްކުރި މިންވަރަށް ވުރެ ވެސް މައްޗެވެ.
ރޮއިޓާސް ކްލައިމެޓް މޮނިޓާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ހޯމަ ދުވަހު މުޅި ދުނިޔެއަށް ބަލާއިރު ވެސް، އާންމު ފިނިހޫނުމިނާ އެންމެ ބޮޑަށް ތަފާތުވެ ހޫނުމިން މައްޗަށް ގޮސްފައިވަނީ ޔޫރަޕް ބައްރުގަ އެވެ.
ވޯލްޑް މީޓިއޮރޮލޮޖިކަލް އޯގަނައިޒޭޝަނުން މިދިޔަ އޭޕްރީލް މަހު ނެރުނު ރިޕޯޓެއްގައިވާ ގޮތުން، ”ދުނިޔޭގެ އެހެން ސަރަހައްދުތަކާ އަޅާބަލާއިރު ޔޫރަޕް ހޫނުވަމުންދާ ރޭޓް ދެގުނަ އިތުރެވެ.“




