ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ސްކޮޓްލެންޑާއި ދެކޮޅަށް މިރޭ ކުޅޭ މެޗުގައި ކުޅެން ބްރެޒިލްގެ ތަރި ނޭމާ ހުރީ ފުރިހަމައަށް ތައްޔާރަށް ކަމަށް ބްރެޒިލްގެ ކޯޗު ކާލޯ އެންޗެލޯޓީ ބުނެފިއެވެ.
މިއީ ނޭމާ ކުޅޭ ހަތަރުވަނަ ވޯލްޑް ކަޕް ކަމަށްވާއިރު، މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ބްރެޒިލުން ކުޅުނު ފުރަތަމަ ދެ މެޗުގައި އަނިޔާގެ ސަބަބުން ނޭމާ ކުޅެފައެއް ނުވެއެވެ.
ބްރެޒިލުން ކުޅުނު ފުރަތަމަ މެޗުގައި މޮރޮކޯއާ ބައްދަލުކޮށް 1-1 އިން އެއްވަރުވިއިރު، ދެވަނަ މެޗުގައި ހެއިޓީ އަތުން 3-0 އިން މޮޅުވެ ބްރެޒިލުން ވަނީ ދެވަނަ ބުރުގެ ޖާގައަކާ ގާތަށް ޖެހިލައިފައެވެ.
މިރޭ ކުޅޭ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން ކޯޗު އެންޗެލޯޓީ ބުނީ ނޭމާ މިހާރު ފިޓުވެފައިވާ ކަމަށާއި، މުޅި މި ހަފްތާގައި ބްރެޒިލުން ކުރިއަށްގެންދިޔަ ފަރިތަކުރުންތަކުގައި އޭނާ ބައިވެރިވެފައިވާ ކަމަށެވެ. އަދި އޭނާ އެނބުރި ކުޅުމުގެ ތެރެއަށް އަންނާތީ އެކަމާ އުފާވާ ކަމަށްވެސް އެންޗެލޯޓީ ފާހަގަކުރިއެވެ.
”ނޭމާއަށް 90 މިނެޓް ވެސް ކުޅެވޭނެ. ނޭމާ ވަރަށް ބުރަކޮށް މަސައްކަތް ކުރި އަދި ފަރިތަކުރުންތަށް ވެސް ވަރަށް ބަރާބަރަށް ކުރިއަށްގެންދިޔަ،“ އެންޗެލޯޓީ ބުންޏެވެ.
އެންޗެލޯޓީ އިތުރަށް ބުނިގޮތުގައި ނޭމާ އަކީ ޓީމަށް ބޭނުންތެރި ތަޖުރިބާ ގެނެސްދޭނެ ކުޅުންތެރިއެކެވެ. އަދި ފާއިތުވި ދުވަސްތަކުގައި ފަރިތަކުރުންތަކުގައި ނޭމާގެ ފަރާތުން ފެނުނު ކަންކަމާއި މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށްވެސް ކޯޗު ބުންޏެވެ.



