އެބޯލާ ވައިރަސްއަށް ފަރުވާ ކުރުމަށް ކޮންގޯ ގައި އުޅުމަށް ފަހު އެނބުރި އައި ފްރާންސްގެ ޑޮކްޓަރަކު ޕޮޒިޓިވްވެއްޖެ ކަމަށް އެ ގައުމުގެ ހެލްތު މިނިސްޓްރީން ހާމަކޮށްފިއެވެ.
މިއީ މިފަހަރު އެބޯލާ ފެތުރެން ފެށި ފަހުން ފްރާންސުން މި ބަލި ފެނުނު ފުރަތަމަ ފަހަރެވެ.
ފްރާންސްގެ ސިއްހީ ވުޒާރާއިން މައުލޫމާތު ދޭ ގޮތުގައި، ބައްޔަށް ޕޮޒިޓިވްވި ޑޮކްޓަރު މިހާރު ވަނީ އެކަހެރިކޮށް، ފަރުވާ ދޭން ފަށާފައެވެ. އަދި އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ދަނީ އެ ޑޮކްޓަރާ ބައްދަލުވި މީހުން (ކޮންޓެކްޓުން) ދެނެގަތުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރަމުންނެވެ. ނަމަވެސް، މިކަމުގެ ސަބަބުން ޔޫރަޕްގެ އާންމު އާބާދީއަށް އޮތް ނުރައްކާ ކުޑަ ކަމަށް މިނިސްޓްރީން ބުނެއެވެ.
ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ބުނާ ގޮތުގައި، ޑީއާރުސީގައި މިހާރު ފެތުރެމުންދާ އެބޯލާ އަކީ ބަލި ފެތުރެން ފެށި ފުރަތަމަ މަސްދުވަހުގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް މީހުންނަށް ބަލި ޖެހުނު ފަހަރެވެ.
-
ބަލިޖެހުނު ޖުމްލަ މީހުން: 1,094 މީހުން
-
މަރުވި މީހުން: 277 މީހުން
-
ކޮންޓެކްޓް ޓްރޭސިން ކުރިއަށްދާ މިންވަރު: 55 އިންސައްތަ
މިފަހަރު ފެތުރެމުންދަނީ އެބޯލާގެ ބާވަތެއް ކަމަށްވާ ’ބަންޑިބުގްޔޯ‘ ވައިރަހެވެ. މާހިރުން ލަފާކުރާ ގޮތުގައި މިއީ ވަރަށް ލަހުން ދެނެގަނެވުނު އައުޓްބްރޭކެކެވެ. އަދި މޭ މަހުގެ 15 ވަނަ ދުވަހު ރަސްމީކޮށް ބަލިމަޑުކަން އިއުލާން ކުރުމުގެ އެތައް މަހެއް ކުރިންވެސް މި ވައިރަސް މުޖުތަމައުގެ ތެރޭގައި ދައުރުވަމުންދިޔަ ކަމަށް ބެލެވެއެވެ.
ޑަބްލިއުއެޗްއޯގެ އަބްދިރަހްމާން މަހްމޫދު ވިދާޅުވި ގޮތުގައި، މިފަހަރު ބަލި ފެތުރޭ މިންވަރު އިތުރުވީ ބަލީގެ ކުރީކޮޅު ފެނުނު ކޭސްތައް ބުނިއާ ފަދަ މީހުން ގިނަ ސިޓީތަކުން ފެނުމާ ގުޅިގެންނެވެ.
”މި ބަލިމަޑުކަން ފެތުރެމުންދަނީ އަޅުގަނޑުމެންނަށް މަސައްކަތް ކުރެވޭ ވަރަށް ވުރެ މާ ހަލުވިކޮށް،“ އޭނާ ކަންބޮޑުވުން ފާޅުކުރައްވަމުން ވިދާޅުވިއެވެ.
ތާރީޚަށް ބަލާއިރު، އެބޯލާގެ އެންމެ ނުރައްކާތެރި އައުޓްބްރޭކް ހިނގާފައިވަނީ 2014 އާއި 2016 އާ ދެމެދު ހުޅަނގު އެފްރިކާގައެވެ. އެ ފަހަރު 11,325 މީހުން މަރުވި އެވެ. އަދި 2018 ވަނަ އަހަރު ކޮންގޯގައި ހިނގި އައުޓްބްރޭކުގައި 2,299 މީހުން މަރުވެފައިވެއެވެ.




