މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަން ޓީމަށް ތަށި ހަވާލުކޮށްދެއްވާނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކަމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އިއުލާން ކުރައްވައިފިއެވެ.
އިންފަންޓިނޯ ބުނިގޮތުގައި، ޖުލައި 19 ގައި އެމެރިކާގެ ނިއު ޖެރްސީގައި ކުޅޭ ފައިނަލް މެޗު ބައްލަވައިލެއްވުމަށް ޓްރަމްޕް ވަޑައިގަންނަވާނެއެވެ. އަދި ތަށި ހަވާލުކުރުމުގެ ރަސްމިއްޔާތުގައި އިންފަންޓީނޯ ވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ބުންޏެވެ.
މި މުބާރާތުގެ ތާވަލަށް ބަލާއިރު، މި މަހުގެ 26 ގައި ގްރޫޕް ސްޓޭޖް ނިމި، ނޮކްއައުޓް ބުރުގެ މެޗުތައް ޖުލައި މަހުގެ ކުރީކޮޅު ކުރިއަށްދާނެއެވެ. ސެމީ ފައިނަލް މެޗުތައް ޖުލައި 14 އަދި 15 ގައި ކުޅުމަށްފަހު، މުޅި މުބާރާތް ނިމުމަކަށް އަންނާނީ ޖުލައި 19 ގައި ކުޅޭ ފައިނަލް މެޗުންނެވެ.
ރައީސް ޓްރަމްޕާއި ފީފާއާ ދެމެދު އޮންނަ ގާތް ގުޅުމުގެ ސަބަބުން ބައިނަލްއަގުވާމީ ގޮތުން ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މީގެ ކުރިން ފީފާއިން ޓްރަމްޕަށް ”ޕީސް ޕްރައިޒް“ އެއް އަރުވާފައިވުމާއި، އެމެރިކާގެ ހަރުކަށި އިމިގްރޭޝަން ގަވާއިދުތަކުގެ ސަބަބުން ބައެއް ޓީމުތަކަށް ދަތިތައް ކުރިމަތިވަމުންދާއިރު ފީފާއިން އެކަމާ މެދު ފިޔަވަޅެއް ނާޅާތީ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މިއީ ޓްރަމްޕް ފީފާގެ ބޮޑު މުބާރާތެއްގެ ތަށި ހަވާލުކޮށްދެއްވާ ފުރަތަމަ ފަހަރެއް ނޫނެވެ. މިދިޔަ އަހަރު ބޭއްވި ފީފާ ކްލަބް ވޯލްޑް ކަޕްގެ ތަށި ޗެލްސީއާ ހަވާލުކޮށްދެއްވީ ވެސް ޓްރަމްޕެވެ.
2026 ވަނަ އަހަރުގެ މި މުބާރާތަކީ 48 ގައުމަކުން ވާދަކުރާ ފުރަތަމަ ވޯލްޑް ކަޕް ކަމަށްވާއިރު، މުބާރާތް ތިން ގައުމެއްގައި ބޭއްވި ނަމަވެސް އެންމެ މުހިންމު މެޗުތައް ހޯސްޓްކުރަނީ އެމެރިކާއިންނެވެ.



