ޕާކިސްތާނުގެ ސަރުގޯދާގައި ހަތް އަހަރުގެ އަންހެން ކުއްޖަކު ރޭޕްކޮށް މަރާލި ކަމުގެ ތުހުމަތު ކުރެވޭ މީހާ، ފުލުހުންނާއި ހަތިޔާރު އެޅި ބަޔަކާ ދެމެދު ހިނގި ބަދަލުކުރުންތަކެއްގެ ތެރޭގައި މަރުވެފައިވާ ކަމަށް އެ ގައުމުގެ ފުލުހުން ހާމަކޮށްފިއެވެ.
މި ހާދިސާ ހިނގާފައިވަނީ ކައުންޓަރ ކްރައިމް ޑިޕާޓްމަންޓް (ސީސީޑީ) ގެ ފުލުހުންނާއި ހަތިޔާރު އެޅި ބަޔަކާ ދެމެދު ހިނގި ކުރިމަތިލުމެއްގެ ތެރޭގައެވެ.
މި މައްސަލައިގައި މަރުވި މީހާއަކީ މިދިޔަ ހަފްތާގައި ހަތް އަހަރުގެ މުންތަހާ ނަމަކަށް ކިޔާ ކުއްޖަކު، އޭނާ މަސައްކަތް ކުރާ ފިހާރައަށް އެއްޗެއް ގަންނަން ދިޔަ ވަގުތު ރޭޕްކުރަން އުޅެ، އެކަން ކާމިޔާބު ނުވުމުން އެ ކުއްޖާ މަރާލި ކަމަށް ތުހުމަތު ކުރެވޭ މީހާއެވެ. އެ ކުއްޖާގެ ހަށިގަނޑު ފެނިފައިވަނީ މިދިޔަ ހަފްތާގެ ހޯމަ ދުވަހު ފިހާރައެއްގެ ތެރެއިންނެވެ. މި މައްސަލައިގައި އޭނާ މިދިޔަ އަންގާރަ ދުވަހު ހައްޔަރު ކުރި ނަމަވެސް، ފަހުން ވަނީ ބަންދުން ފިލާފައެވެ.
ސަރުގޯދާގެ ރީޖަނަލް ޕޮލިސް އޮފިސަރު (އާރުޕީއޯ) ޝަހްޒާދު އާސިފް ޚާން ވިދާޅުވި ގޮތުގައި، ތުހުމަތު ކުރެވޭ މީހާ މަރުވީ އޭނާގެ ބައިވެރިން ފުލުހުންނަށް އަމާޒުކޮށް ފޮނުވާލި އުންޑަތަކެއް އަރައިގެންނެވެ. ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ސެމް ނާލާ ސަރަހައްދަށް ދިޔުމުން، އެތަނުގައި ތިބި ހަތިޔާރު އެޅި ބަޔަކު ވަނީ ފުލުހުންނަށް ހަމަލާދީފައެވެ.
ގާތްގަނޑަކަށް 10 މިނެޓަށް ދެމިގެންދިޔަ މި ކުރިމަތިލުމުގައި ފުލުހެއްގެ އަތަށް ވަޒަން އަރައި ޒަހަމްވެފައިވާ ކަމަށް ފުލުހުން ބުނެއެވެ. ހަމަލާތައް ހުއްޓުމަކަށް އައި ފަހުން ބެލިބެލުމުން، މައިގަނޑު ތުހުމަތު ކުރެވޭ މީހާ މަރުވެފައި އޮއްވާ ފެނުނު އިރު، އޭނާގެ ކައިރީގައި ހުސް ފިސްތޯލައެއް އޮތް ކަމަށް ރިޕޯޓްކޮށްފައިވެއެވެ.
މި މައްސަލައާ ގުޅިގެން ސަރުގޯދާގެ ޑިސްޓްރިކްޓް ޕޮލިސް އޮފިސަރު ސުހައިބް އަޝްރަފް ވިދާޅުވީ، އިތުރު ތިން މީހަކު މިހާރުވެސް ފުލުހުންގެ ބަންދުގައި އެބަތިބި ކަމަށެވެ.
ފުލުހުން ދަނީ މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ އިތުރު ކަންކަން ތަހުގީގު ކުރަމުންނެވެ.



