އަހަރެމެން އަދާކުރާ ވަޒީފާތަކާއި، އެ ވަޒީފާގެ ވަގުތުތަކަކީ ވެސް ބޮޑުވެގެންވާ އަމާނާތެއް ކަމަށާއި، ވަޒީފާގެ މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާނުކުރުމާއި ވަގުތަށް ފަރުވާކުޑަކުރުމަކީ އަމާނާތަށް ވެވޭ ވަރަށް ބޮޑު ޚިޔާނާތެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
”އަމާނާތްތަކަށް ރައްކާތެރިވުން“ މި މައުޞޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކުގައި މިއަދު އިއްވި ހުތުބާގައި ބުނީ، އަހަރެމެން އެންމެ ބޮޑަށް ސަމާލުވެ ރައްކާތެރިވާންޖެހޭ އެއް އަމާނާތަކީ ދައުލަތާއި އާންމު ރައްޔިތުންގެ މުދަލާއި ފައިސާ ކަމަށެވެ.
މީހެއްގެ އަމިއްލަ މުދަލަށް ޚިޔާނާތްތެރިވުމަށް ވުރެ، މުޅި މުޖުތަމައުގެ ހައްގަކަށްވާ ރައްޔިތުންގެ މުދަލަށް ޚިޔާނާތްތެރިވުމުގެ ފާފަ މާ ބޮޑުކަން ހުތުބާގައި ފާހަގަކުރިއެވެ.
އަމާނާތުގެ މާނައަކީ ހަމައެކަނި މީހުން ރައްކާކުރަންދޭ ތަކެތި ނޫންކަން ފާހަގަކޮށް، ހުތުބާގައި ބުނީ އޭގެ ތެރޭގައި މާތް اللهގެ ހައްގުތަކާއި މީސްތަކުންގެ ހައްގުތަކުގެ ތެރެއިން އިންސާނާއާ ހަވާލުކުރެވިފައިވާ ހުރިހާ ކަމެއް ހިމެނޭ ކަމަށެވެ. މީގެ ތެރޭގައި ނަމާދު ގާއިމުކުރުމާއި، ޒަކާތް ދިނުމާއި، ރޯދަ ހިފުމާއި، ހައްޖުވުމުގެ އިތުރުން ތެދުބަސް ބުނުމާއި ދަރަނި އަދާކުރުން ފަދަ ކަންކަން ހިމެނޭ ކަމަށް އަބްދުﷲ ބިން މަސްއޫދު ރަޟިޔަﷲ އަންހު ވިދާޅުވެފައިވާ ބަސްފުޅު ހުތުބާގައި ހަނދާންކޮށްދިނެވެ.
މީގެ އިތުރުން، އިންސާނާގެ ގުނަވަންތަކަކީ ވެސް އަމާނާތެއް ކަމަށާއި، ލޮލުން ހަރާމް ތަންތަނަށް ނުބެލުމަށާއި، ކަންފަތުން ހަރާމް އަޑުތައް ނޭހުމަށާއި، ދުލުން މީހުންގެ އަބުރު ކަތިނުލުމަށް ހުތުބާގައި ނަސޭހަތްތެރިވިއެވެ. އަދި ދަރިންނަކީ ވެސް އަމާނާތެއް ކަމަށާއި، އެކުދިންނަށް ހެޔޮ ގޮތުގައި ތަރުބިއްޔަތު ނުދީފި ނަމަ އެއީ އަމާނާތަށް ޚިޔާނާތްތެރިވުން ކަމަށް ބުންޏެވެ.
ހުތުބާގައި އިތުރަށް ބުނީ، އަމާނާތަށް ޚިޔާނާތްތެރިވުމަކީ މުނާފިގުންގެ އަލާމާތެއް ކަމަށެވެ. ކީރިތި ރަސޫލާ ﷺ ގެ ހަދީޘްފުޅެއްގެ މާނައިގައިވާ ގޮތުން، މީހަކާ އަމާނާތެއް ހަވާލުކުރެވިއްޖެ ނަމަ އެއަށް ޚިޔާނާތްތެރިވުމާއި، ވާހަކަ ދައްކާއިރު ދޮގުހެދުމާއި، އަހުދެއް ކޮށްފި ނަމަ އެއާ ޚިލާފުވުމަކީ މުނާފިގުންގެ ސިފަތަކެވެ.
ނިންމާލަމުން ހުތުބާގައި ބުނީ، އަމާނާތްތަކަށް ރައްކާތެރިވުމަކީ މުޖުތަމައުގައި އަމާންކަމާއި ސުލްހަވެރިކަން ގާއިމުވެ، މީސްތަކުންގެ މެދުގައި އިތުބާރު ބޮޑުވާނެ ކަމެއް ކަމަށެވެ.
އަދި ގުދުރަތީ މާހައުލާއި ތިމާވެއްޓަކީ ވެސް އަންނާން އޮތް ޖީލުތަކަށްޓަކައި ހަވާލުކުރެވިފައިވާ އަމާނާތެއް ކަމަށް ދެކި، އެތަކެއްޗަށް ރައްކާތެރިވުމަށް ހުރިހާ ރައްޔިތުންނަށް އިލްތިމާސްކުރިއެވެ.



