ފިލިޕީންސްގެ ރަށެއް ކަމަށްވާ މިންޑަނާއޯއަށް މިއަދު ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.
ޖަރުމަނުގެ ރިސާޗް ސެންޓަރުން ހާމަކޮށްފައިވާ ގޮތުގައި، މި ބިންހެލުން އައިސްފައިވަނީ ރިކްޓަރ މިންގަނޑުން 6.5 މެގްނިޓިއުޑްގެ ބާރުމިނުގައެވެ.
މި ބިންހެލުމާ ގުޅިގެން މިހާތަނަށް ލިބިފައިވާ ގެއްލުންތަކުގެ ތަފްސީލެއް އަދި ސާފުވެފައެއް ނުވެއެވެ. ނަމަވެސް، މިންޑަނާއޯއަކީ މީގެކުރިން ވެސް ވަރުގަދަ ބިންހެލުންތައް އައިސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ސަރަހައްދެއްކަން ފާހަގަކުރެވެއެވެ.
މި މަހުގެ 8 ވަނަ ދުވަހު ވެސް ފިލިޕީންސްގެ މި ސަރަހައްދަށް 7.8 މެގްނިޓިއުޑްގެ ބާރުމިނުގައި ބިންހެލުމެއް އައިސްފައިވެއެވެ. އެ ހާދިސާގައި 61 މީހުން މަރުވެފައިވާ އިރު، ގާތްގަނޑަކަށް 2,000 ގެއަކަށާއި 6,000 އާންމު ސްކޫލަކަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވެއެވެ.
މި މަހުގެ ކުރީކޮޅު އައި ބިންހެލުމުގެ ސަބަބުން ގިނަ އަދަދެއްގެ އިމާރާތްތައް ބިމާ ހަމަވެ، މަގުތަކުގައި ރެނދުލައި ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން ބައެއް އަވަށްތަކަށް ދަތުރުފަތުރު ކުރުމަށް ވަނީ ހުރަސް އެޅިފައެވެ. މީގެ އިތުރުން، ރަށުގެ ބޮޑު ސަރަހައްދަކުން ކަރަންޓާއި ފޯނުގެ ހިދުމަތް ކެނޑިފައިވާކަން ވެސް ރިޕޯޓުތަކުން ދައްކައެވެ.
ފިލިޕީންސަކީ ދުނިޔޭގެ ގައުމުތަކުގެ ތެރެއިން އެންމެ ގިނައިން ބިންހެލުން އަންނަ އެއް ގައުމެވެ.


