ސައޫދީ އަރަބިއްޔާގެ ދައުލަތުގެ ތެޔޮ ކުންފުނި، އަރަމްކޯގެ ހެލިކޮޕްޓަރެއް ވެއްޓި، އޭގައި ދަތުރުކުރި ސައޫދީގެ 14 މީހުން މަރުވެއްޖެ ކަމަށް އެ ގައުމުގެ ރަސްމީ ނިއުސް އެޖެންސީން ހާމަކޮށްފިއެވެ.
މި ހާދިސާ ހިނގާފައިވަނީ އެ ގައުމުގެ ގަޑިން މިއަދު ހެނދުނު 6:00 ހާއިރުގައެވެ.
ސައޫދީ ޕްރެސް އެޖެންސީން އެ ގައުމުގެ އެނާޖީ މިނިސްޓްރީގެ އޮފިޝަލަކާ ހަވާލާދީ ބުނި ގޮތުގައި، މި ހެލިކޮޕްޓަރު ވެއްޓިފައިވަނީ އެ ގައުމުގެ އިރުމަތީ ސަރަހައްދެއް ކަމަށްވާ ރަސް ތަނޫރާ އަށެވެ. އެއީ މެދުއިރުމަތީގެ ހަނގުރާމާގައި އީރާނުން ބަންދުކޮށްފައިވާ ތެލުގެ މައި މަގު ކަމަށްވާ ހޮރްމޫޒް ކަނޑުއޮޅީގެ ހުޅަނގު ސަރަހައްދެކެވެ.
މި ހާދިސާގައި މަރުވި އެންމެންނަކީ ވެސް ސައޫދީ ރައްޔިތުންކަން ކަށަވަރުކޮށްދެމުން އެ އެޖެންސީން ބުނެފައިވަނީ، މި ހާދިސާގައި ހެލިކޮޕްޓަރުން ދަތުރުކުރި 14 މީހުން ވެސް ވަނީ މަރުވެފައި ކަމަށާއި އެ އެންމެންނަކީ ވެސް ސައޫދީ ރައްޔިތުން ކަމަށެވެ.
ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި ކަމާބެހޭ ފަރާތްތަކުން މިހާރު ވަނީ ތަހުގީގެއް ފަށާފައެވެ.
ގަލްފް ސަރަހައްދުގައި ހުންނަ އަރަމްކޯގެ ރަސް ތަނޫރާ ޓާމިނަލްއިން، ސާފުނުކުރާ ތެޔޮ ބަރުކުރުމުގެ މަސައްކަތް ގާތްގަނޑަކަށް ހަތަރު މަސް ދުވަހުގެ މެދުކެނޑުމަކަށްފަހު އަލުން ފަށާފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ. މި ހާދިސާއާ ގުޅޭގޮތުން އިތުރު ތަފްސީލެއް ހޯދުމަށް އަރަމްކޯއަށް އީމެއިލް މެދުވެރިކޮށް ކުރި ސުވާލުތަކަށް އެ ކުންފުނިން އަދި ވަގުތުން ޖަވާބެއް ދީފައެއް ނުވެއެވެ.
ދުނިޔޭގައި އެންމެ ގިނައިން ތެޔޮ އެކްސްޕޯޓްކުރާ ސައޫދީ އަރަބިއްޔާއިން މިހާރު ދަނީ އީރާނާއި އެމެރިކާގެ ހަނގުރާމައަށް އައި މެދުކެނޑުމާ ދިމާކޮށް، ތެޔޮ ބަރުކޮށްގެން ކުރާ ދަތުރުތައް ވީހާވެސް އަވަސްކުރުމަށް މަސައްކަތް ކުރަމުންނެވެ.




