ސިންގަޕޫރުގެ ގޭބިސީތަކުން ކަރަންޓަށް ކުރާ ހޭދަ ނުވަތަ އިލެކްޓްރިސިޓީ ޓެރިފް އަންނަ ޖުލައި މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް 17 ޕަސެންޓް ބޮޑުވާނެ ކަމަށް އެގައުމުގެ ކަމާބެހޭ އިދާރާތަކުން ހާމަކޮށްފިއެވެ.
މީގެ އިތުރުން، ކެއްކުމުގެ ބޭނުމަށް ހޮޅިން ގެތަކަށް ފޯރުކޮށްދޭ ޓައުން ގޭހުގެ އަގުވެސް 7.1 ޕަސެންޓް މައްޗަށް ދާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
ސިންގަޕޫރުގެ އެނާޖީ މާކެޓް އޮތޯރިޓީ (އީއެމްއޭ) އިން ބުނި ގޮތުގައި، އަގުތައް މިގޮތަށް އުފުލެން މެދުވެރިވީ މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ގުދުރަތީ ގޭހުގެ އަގުތައް ބޮޑުވުމުގެ ސަބަބުންނެވެ. މިއީ ސިންގަޕޫރުގެ ތާރީޚުގައިވެސް ކަރަންޓާއި ގޭހުގެ އަގުތައް މިހާތަނަށް އެންމެ ބޮޑުވާ ފަހަރު ކަމަށް ’ސްޓްރެއިޓްސް ޓައިމްސް‘ އިން ރިޕޯޓްކޮށްފައިވެއެވެ.
ގްރިޑް އޮޕަރޭޓަރު، އެސްޕީ ގްރޫޕުން ހާމަކުރި ގޮތުގައި ޖީއެސްޓީ ނުހިމަނައި، ކަރަންޓުގެ އަގު ކިލޯވޮޓް-އަވަ އަކަށް 4.64 ސެންޓު ބޮޑުވެ، 31.91 ސެންޓަށް އުފުލޭނެއެވެ. މިއީ 2008 ވަނަ އަހަރު ރެކޯޑު ކުރެވުނު އެންމެ މަތީ އަގަށްވުރެ ވެސް ބޮޑު މިންވަރެކެވެ. މި ބަދަލާއެކު، ހަތަރު ކޮޓަރީގެ އެޗްޑީބީ ފްލެޓެއްގެ މަހު ކަރަންޓު ބިލަށް ގާތްގަނޑަކަށް 17.14 ސިންގަޕޫރު ޑޮލަރުގެ އިތުރުވުމެއް އަންނާނެއެވެ.
ގޭސް ފޯރުކޮށްދޭ ސިޓީ އެނަޖީން ބުނީ ގޭބިސީތަކުގެ ގޭސް ޓެރިފް ކިލޯވޮޓް-އަވައަކަށް 1.56 ސެންޓު ބޮޑުވެ، 23.48 ސެންޓަށް އުފުލޭނެ ކަމަށެވެ. ކަރަންޓާއި ގޭހުގެ ޓެރިފް ކޮންމެ ކުއާޓަރަކު އެއްފަހަރު މުރާޖައާ ކުރަނީ ދުނިޔޭގެ ބާޒާރުގައި ހަކަތައިގެ އަގުތަކަށް އަންނަ ބަދަލުތަކަށް ރިއާޔަތްކޮށް އީއެމްއޭގެ އުސޫލުތަކުގެ ދަށުންނެވެ.
އަގުތައް ބޮޑުވި ނަމަވެސް، އެޗްޑީބީ ފްލެޓްތަކުގައި ދިރިއުޅޭ އެއް މިލިއަނަށްވުރެ ގިނަ ގޭބިސީއަށް ޔުޓިލިޓީ ބިލްތައް ދެއްކުމަށް އެހީތެރިވުމުގެ ގޮތުން 190 ސިންގަޕޫރު ޑޮލަރާ ހަމައަށް ’ޔޫ-ސޭވް‘ ރިބޭޓް ދިނުމަށް ފިނޭންސް މިނިސްޓްރީން ވަނީ ނިންމާފައެވެ. މިއީ އާންމުކޮށް ދޭ އިނާޔަތަށްވުރެ ދެގުނަ އިތުރު މިންވަރެކެވެ.
މި އެހީއަކީ ދިރިއުޅުމުގެ ހަރަދުތައް ބޮޑުވުމާއި ޖީއެސްޓީ މަތިވުމުގެ ސަބަބުން އާމްދަނީ ދަށް އަދި މެދުފަންތީގެ އާއިލާތަކަށް ކުރިމަތިވާ ދަތިތަކަށް ލުޔެއް ހޯދައިދިނުމަށް ’ޖީއެސްޓީ ވައުޗާ‘ ސްކީމްގެ ދަށުން ދޭ ދާއިމީ އެހީއެކެވެ.
މީގެ އިތުރުން، ސާވިސް އަދި ކޮންސަވަންސީ ޗާޖުތަކުން އެއް މަސްދުވަހުގެ ހިލޭ އިނާޔަތްވެސް މި ގޭބިސީތަކަށް ލިބިގެންދާނެއެވެ.



